ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކީ ފަހުމުނާމާއެއްގައި ސޮއެ ކޮށްފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީވުމުގެ ގޮތުން ހިންގާ ޕްރްގްރާމެކެވެ.
ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ. އެޗްޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެ ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރުވަނީ ނިމިފައެވެ. މި ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެއެވެ.
މި ނާސަރީން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމާއި ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ދާނެއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 6.6 މިލިއަން ގަސް އިންދުމުގެ އަހުދު ލިބިފައިވެއެވެ. މިއާއި އެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ހަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަންވެސް މިނިސްޓްރީން ފާހަގަ ކުރެއްވިއެވެ.