ބްރޯޑުކޮމްގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފިއެވެ.

 

އެ މުވައްޒަފުން މިގޮތަށް ކަންކަންކޮށްފައި މިވަނީ އެކޮމިޝަނުގެ ސެކެޓަރީ ޖެނެރަލް މަގާމުން މަރިޔަމް ޒީނިޔާ ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

 

މިކަމާއި ގުޅިގެން ނުތަނަވަސްކަމެއް އުފެދި، ބްރޯޑްކޮމް އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާއިރު، އެ ކޮމިޝަންގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ދިޔައީ ރައްޔިތުންގެ މަޖިލީހަށް މުވައްޒަފުން ލީ ޕެޓިޝަނާއި ގުޅިގެން ތަން ހިންގަން ހުރި އެންމެ އިސްވެރިޔާ ސަސްޕެންޑު ކުރުމުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެއިތުރުން ބަދަލު ހިފުމުގެ ރޫހެއްގައި ކޮމިޝަނުން މަސައްކަތް ކޮށްފައިވާތީކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

 

ބްރޯޑްކޮމްގެ މުވައްޒަފަކު ވިދާޅުވީ މީގެ ކުރިން އެސްޖީއަށް އެއްވެސް ސުލޫކީ މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށާއި ނަސޭހަތް ދީފައި ނުވާ ކަމަށެވެ. އަދި ސަސްޕެންޑް ކުރީ ކުއްލިއަކަށް ކަމަށެވެ. އަދި މުވައްޒަފުންނަށް އެސްޖީ ސަސްޕެންޑް ކުރިކަންވެސް އިނގުނީ ކޮމިޝަން މެންބަރަކު ނޫހަށް ދިން މައުލޫމާތުން ކަމަށެވެ.

 

" އެއްވެސް ކަހަލަ އިޖުރާތެއް ފުރިހަމަ ނުކުރޭ. އިދާރީ ގޮތުން ހިންގާ އިސްވެރިޔަކީ ކާކު ކަމެއް ނޭނގޭ."

 

މުވައްޒަފަކު ވިދާޅުވީ މިކަން ހިނގާފައިވަނީ އާދިއްތަ ދުވަހު ކޮމިޝަނުގެ 18 މުވައްޒަފުން ލީ ޕެޓިޝަނާއި ގުޅިގެން ކަމަށާއި މި ދަނޑިވަޅުގައި ހިންގުމާއި ހަވާލުވެ ހުރި އެންމެ އިސްވެރިޔާ ސަސްޕެންޑް ކުރުން މުވައްޒަފުންނަށް ސިފަވަނީ އެއީ މުވައްޒަފުންނަށް ބިރުދެއްކުމަށް ކުރި ޢަމަލެއްގެ ގޮތުގައި ކަމަށެވެ.

 

މުވައްޒަފުންގެ ކަންބޮޑުވުންތައް ހިމެނޭ މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އަދި މަޖްލީހަށް ލާފައިވާ އިރު އެމީހުންގެ ކަންބޮޑުވުމަކީ ވެސް  ކޮމިޝަނުން އިޖުރާތްތައް ފުރިހަމަަ ނުކުރާކަމާއި އިދާރީ އޮނިގަނޑާއި ހިލާފަށް ކަންކަން ކުރަމުންދާކަން ކަމުގައި ބުނެއެވެ. އަދި މިހާރު މި ކަންކަން ރޭވެމުން އަންނަ ގޮތުން މިއީ މިކަން ދޭހަވާ ކަމެއްކަމުގައި ވެސް ބުނެއެވެ.

 

އިތުބާރުހުރި މަސްދަރަކުން 'އޮއިވަރު' އަށް މައުލޫމާތުދެމުން ބުނީ އެ ޕެޓިޝަނުގެ އެއްވެސް މައުލޫމާތެއް ސެކެޓަރީ ޖެނެރަލް އެނގިފައި ނުވާނެ ކަމަށެވެ. އަދި އެ ޕެޓިޝަނަކީ ކޮމިޝަންގެ އިދާރީ މުވައްޒަފުން ކުރަމުންއަންނަ މަސައްކަތަށް ކޮމިޝަންގެ ރައީސް އާއި މެންބަރުން ނުފޫޒް ފޯރުވަމުން އަންނާތީ ހުށައެޅި ޕެޓިޝަނެއް ކަމަށެވެ.

 

މީގެއިތުރުން ގާނޫނާއި ގަވާއިދާއި ހެދިފައިވާ އުސޫލުތަކުން ބޭރުން ކަންކަން ކުރުމަށް ބާރުއަޅައި ބިރުދައްކާތީ ލާފައިވާ ޕެޓިޝަނެއް ކަމަށާއި މިބީދައިން ކަންކަންދާތީ މަސައްކަތުގެ މާހައުލު ބިރުވެރިކޮށް ފެންނަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

 


  • މަޖިލިސް ރައީސް
  • ބްރޯޑްކޮމް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް