"ފިއުޗަރ ރެޑީ ޔޫތް ޕްރޮގްރާމް"ގެ ދަށުން 600 ޒުވާނުންނަށް ޓިވެޓް ދާއިރާ އިން ތަމްރީނު ފޯރުކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދެ އިންސްޓިޓިއުޓްއަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ)ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި އެއްބަސްވުމުގައި މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އިންސްޓިޓިއުޓްގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ. އައިލޭންޑް އިންސްޓިޓިއުޓް އޮފް ޓަރޝިއަރީ އެޑިޔުކޭޝަން (އައިއައިޓީއީ) ގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ އެސިސްޓަންޓް ޑިރެކްޓަރ، ފާތިމާތު މައީޝާއެވެ.
މިއީ ޒުވާނުންގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އެކި ދާއިރާތަކުގައި ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް އެކި ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މަސައްކަތްތެރިކަމުގެ މާހައުލުގައި އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަކީ ވެސް މަގުސަދެކެވެ.
އެގޮތުން މި ޕްރޮގްރާމްގައި 16 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރޫގެ ދަށުން މަސައްކަތް ކުރަމުންދާ މީރީ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުން ފަންޑު ކޮއްގެން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަގުސަދަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިންގ (ޓިވެޓް) ދާއިރާ އިން ޒުވާނުންގެ ހުނަރުވެރިކަން އިތުރުކޮށް ޒުވާނުންގެ މެދުގައި ރާއްޖޭއަށް މުހިއްމު ދާއިރާތަކަށް ބޭނުންވާ ގާބިލް ޒުވާނުން ބިނާކުރުމެވެ.
"ފިއުޗަރ ރެޑީ ޔޫތް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ ކޯސްތަކަކީ މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯތިޓީ (އެމްއެންއެސްޑީއޭ) ގެ ހުއްދައިގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ ޕްރޮގްރާމްތަކެކެވެ.