ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް: މިނިސްޓަރ

1 month ago

އަފްރާހް

ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


ރާއްޖޭގައި ބާއްވާ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާގެ އިފްތިތާހީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ދީނީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަމެއް ދެއްވާކަން ވެސް ފާހަގަކުރައްވާފައެވެ.


ގިނަ ދުވަސްތަކަކަށް ފަތުވާ ކައުންސިލުގެ މެންބަރުން ހަމަނުވެ އޮތް އޮތުން، ރައީސް ވަނީ ނިމުމަކަށް ގެންނަވައި، ގާނޫނުގައި ބުނާ ފުރިހަމަ އަދަދަށް މެންބަރުން އައްޔަންކުރައްވާފައި ކަމުގައި ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ރާއްޖޭގައި ވަޢުޒާއި އިރުޝާދައި ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާ ކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދު ވެސް އިހްތިރާކުރާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.


އިސްލާމީ ފިޤުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއްކަން ފާހަގަކުރައްވައި، ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވާއިދެއްކަމުގައި ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި މިޒަމާނުގައި ކުރިމަތި ވެފައިވަ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާއީ ގޮތުން މަޝްވަރާކުރެވެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


އެމަނިކުފާނުގެ ވާހަކައިގާ އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ޝަރުއީ ހުކުމްތައް ބަޔާންކުރުމުގައި، ފިޤުހީ މުއުތަބަރު ހިލާފު ހުންނަ ކަންކަމުގައި ޚިލާފުގެ އޮތް ކަމުގެ ވާހަކަ ބަޔާންކުރުން މުހިންމުކަމަށާއި ތަބާވާންޖެހޭނީ ގުރްއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއު އަށް ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ފިޤުހީ ކަންކަމުގައި އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި އިލްމީ، އިޖްތިމާއީ، ޢުރުފީ ސަބަބުތަށް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގު ފަހިވާނެ ކަމެއްކަމަށާއި ޚިޔާލު ތަފާތު ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިހްތިރާމް ކުރުމަކީ އިލްމުވެރިންގެ އަޚުލާގުކަމުގައި ފާހަގަކުރެެއްވިއެވެ.


ދީނީ ކަންކަމުގައި ފަތުވަ ދޭއިރު، މީސްތަކުންގެ ހާލަތާއި ޢުރުފާއި ސަގާފަތާއި ޒަމާނާ މެދު ރިޔާއަތްކުރުމަކީ ފަތުވާ ދިނުމުގައި ބަލަންޖެހޭ ކަމެއްކަމަށާއި އިސްލާމީ ޝަރީއަތުގެ މަގްސަދުތަކާއި މުޖުތަމައާއި ދައުލަތުގެ އާއްމު މަސްލަހަތުތައް ހާއްސަ މަސްލަހަތުތަކުގެ މައްޗަށް އިސްކުރަންޖެހޭނެކަމުގައި ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު ދީނުގެ ހުކުމްތައް ބަޔާންކުރުމުގައި އިސްލާމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ ލުއިފަސޭހަކަމުގެ އަސާސް ހިފެހެއްޓުމާއި މެދުމިން އުސޫލުތައް ނެގެހެއްޓުމަށް ވެސް ޑރ. ޝަހީމް ގޮވައިލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު