މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

 

މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެޖެންޑާގައިވާގޮތުގައި ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޑރ. މުޙއްމަދު މުޢިއްޒު ފޮނުއްވި ނަންތައް ދިރާސާކުރަން ދާއިމީ ކޮމިޓީއަށް ފޮނުވުން މާދަމާގެ ޖަލްސާގައި އޮންނާނެއެވެ. އަދި ނޭޕާލަށާއި އަޔަލެންޑް އަދި ޔޫކްރެއިނަށް އައްޔަން ކުރާ ސަފީރުންގެ ނަންތައް ހުށަހެޅުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

 

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ. އެފަރާތްތަކާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.

 

މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޑރ. މުއޢިއްޒަށް ލަފާއަރުވަން ޖޭއެސްސީން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ރައީސް މަޖިލީހަށް ފޮނުއްވި ދެ ނަން އެނގިގެންދާނީ މާދަމާއެވެ.

 

ސުޕްރީމް ކޯޓުގެ މި ދެ މަގާމު ހުސްވެފައިވަނީ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.

 


  • މަޖިލިސް ރައީސް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް