ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިއަން ގަސް ޕްރޮގްރާމަށް އަވަށްޓެރި ސްރީލަންކާ އިން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބަހަން ފަށައިފިއެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާކުރި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކީ މިހާރުވަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައެވެ. އަދި މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ކަމަށެވެ.
މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާރކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައި، ގަސް އިންދުމުގެ އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެއެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ހަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވިފައިވެއެވެ.
މީގެއިތުރުން މ. އަތޮޅާއި، ރ އަތޮޅު އަދި ށ އަތޮޅުގައި މި ހިނގާ ޖޫން މަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 565000 ގަސް އިންދާފައިވެއެވެ.