ސަލީމްއާއި ހަމީދަށް ކޮމެޓީގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.

 

އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރެއްވީ ކޮމިޓީގެ ޖަލްސާއަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ މެންބަރުން ނަގާ ވޯޓަކުން ފާސްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއެވެ.

 

ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ނަންތައް ދިރާސާކުރުމަށް މެންބަރުންނަށް އިތުރު ވަގުތު ދިނުމަށް ވަނީ ފާސްކޮށްފައެވެ.

 

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ނަންތައް ހުށަހަޅުއްވީ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވެފައިވުމުންނެވެ. އެއީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

 


  • މަޖިލިސް ރައީސް
  • ސްޕްރީމް ކޯޓު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް