ސަގާފީ ހަރަކާތްތަކާއެކު ތިނަދޫގައި އީދު ކުޅިވަރުތައް މިރޭ ފަށަނީ

ފްލާވަރ އައިލެންޑުގެ ނަމުން މަޝްހޫރު ފެލިދެއަތޮޅު ތިނަދޫ އަކީ އާބާދީގެގޮތުން މީސްކޮޅު މަދުނަމަވެސް އީދު ފަދަ ދުވަސްތައް ފާހަގަކުރުމުގައި ނަމޫނާ ރަށެކެވެ.

 

ސަގާފީ ހަރަކާތްތަކާއެކު އީދު ކުޅިވަރުތައް މިރޭ 9 ޖަހާއިރު ފަށާއިރު، ފުރަތަމަ އޮންނާނީ ވެދުމާ ދިއުމެވެ. މިއީ އާދަކާދައިގެ މަތީން ކޮންމެ ރަށެއްގައިވެސް އަޟުހާ އީދު ކުޅިވަރުތައް ކުޅުމަށް އެރަށެއްގައި ހުންނަ އެންމެ އިސްފަރާތެއްގެ ހުއްދަ ހޯދުމަށް ދާ ދިއުމަށް ކިޔާ ނަމެކެވެ. އެގޮތުން އިހުގައިނަމަ، ރަށުގެ ބޮޑުކަތީބު ނުވަތަ ރަށު އޮފީހުގެ އެންމެ އިސްވެރިއެއްގެ ގާތުން ހުއްދަ ހޯދާއިރު، މިހާރު ހުއްދަ ހޯދަނީ ރަށު ކައުންސިލުގެ ފަރާތުންނެވެ.

 

ލޯކަލް ޓޫރިޒަމްގައި ވެސް ފުންނާބު އުސް މި ރަށުގައި އީދު ދުވަހުގެ ހަރަކާތްތައް ފަށާނީ އީދު ނަމާދުންނެވެ. އަދި  އީދު ވާދެމުމާއި ކުލަ ޖެހުން މާދަމާ އޮންނާނެއެވެ. ހަމަމިއާއެކު މ. އަތޮޅު ދިއްގަރު އުތުރު އަވަށު ލަނގިޖެހުން ވެސް މާދަމާ ރޭ އޮންނާނެއެވެ.

 

ޖޫން 7 ގައި ކުޑަކުދިންގެ ހަވީރެއް އޮންނައިރު، ރޮބޯމޭން ވެސް ބައިވެރިވާނެއެވެ. އަދި 1438 ގްރޫޕުގެ ބޮޑުބެރު މާދަމާ ރޭ އޮންނާނެއެވެ. ޖޫން 8 ވަނަ ދުވަހު ހަވީރު މާލި ނެރުމާއި އެރޭ ފީއަލީ އަންހެނުންގެ ސަގާފީ ޝޯވ ބޭއްވުމަށް ނިންމާފައި ވެއެވެ.

 

މީގެއިތުރުން 9 ވަނަ ދުވަހު ހަވީރު އަންހެންގެ ބަށި ކުޅުމާއި ކޮޅުފުށި ސަގާފީ ކުޅިވަރު ޝޯވއެއް އެރޭ އޮންނާނެއެވެ. އަދި 10 ވަނަ ދުވަހުގެ ރޭ ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ޝޯވއެއް އަދި 11 ވަނަ ދުވަހުގެ ރޭ ބޮބް މިއުޒިކް ބޭންޑު / ދިވެހި ފަންނާނުންގެ ޝޯވ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ހަމަމިއާއެކު މިޑްނައިޓް ފިއެސްޓުގެ ނަމުގައި ކޮންމެރެއަކު ވެސް ހަރަކާތެއް ބޭއްވުމަށް ތާވަލުކޮށްފައި ވެއެވެ. ތިނަދޫގެ އީދު ހަރަކާތްތައް 'ވީޓީވީ' އިން ވަގުތުން ގެނެސްދޭއިރު. 'އޮއިވަރު' ގެ މީސްމީޑިއާ މަންސަތަކުން ބައެއް ހަރަކާތްތައް ގެނެސްދެމުން ގެންދާނެއެވެ.

 


  • ވ. ތިނަދޫ
  • އަޟްހާ އީދު
  • ކޮމެންޓް