ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

5 months ago

އަފްރާހް

އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ދެއްކެވި ވާހަކަފުޅުގައި އެގައުމުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.


މީގެއިތުރުން ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން އިސްކަން ދެއްވާކަން ފާހަގަކުރެއްވިއެވެ.


ހަމައެއާއެކު އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމު ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައެވެ. 


އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ސާފު ހަކަތަ ހޯދުމުގައިހުރި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ގޮތެއްގައި ފިޔަވަޅުއެޅުމަށް ބައިނަލްއަޤްވާމީ ސިޔާސަތުތައް ކަނޑައެޅުން ފަދަ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަރަށް ބޮޑަށް ކުރިއަރަމުންދާކަންފާހަގަކުރައްވައި އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ނައިބު ރައީސް އާއި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށް ވެސް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު