ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ފްރާންސަށް ފުރާވަޑައިގެންފިއެވެ.
މިއީ އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ބައިނަލްއަގްވާމީ މިބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސައިންޓިސްޓުންނާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ބައިވެރިވާނެކަމަށް ވިދާޅުވެއެވެ.
މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ނީސްގައި ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން އިތުރަށް ވިދާޅުވީ މި މަހާސިންތާގައި އެންމެ އިސްކަމެއް ދޭނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ކަމަށެވެ.
އެސްޑީޖީ 14ގެ މަގްސަދަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމެވެ.
މި މަހާސިންތާގައި ބައިވެރިވުމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްވެސް ވަނީ ފްރާންސްއަށް ވަޑައިގެންފައެވެ.