ކަނޑުތައް ހިމާޔަތްކުރުމަށް އދ. ގެ ތިންވަނަ ކޮންފަރެންސް ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވާނީ މިނިސްޓަރ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމްއާއި ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް އަދ ދެ މިނިސްޓްރީގެ އިސްބޭފުޅުންގެ ވަފުދެކެވެ.
ކޮންފަރެންސްގައި ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ކުރާ އަސަރު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. ރާއްޖެއަކީ 99 އިންސައްތަ ކަނޑުން އެކުލެވިފައިވާ ގައުމަކަށްވުމާއެކު، މި ކޮންފަރެންސްގެ ނަތީޖާ ރާއްޖެއަށް ވަރަށް މުހިންމުވާނެ ކަމަށް މިނިސްޓަރ ތާރިގް ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އަޑު އުފުލާނެ ކަމަށާއި ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އދ. ގެ ތިންވަނަ ކަނޑުތަކާބެހޭ ކޮންފަރެންސް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ކޮންފަރެންސަކީ ދުނިޔޭގެ މުސްތަގުބަލަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ބޭއްވޭ ކޮންފަރެންސެއްކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ކަނޑުތަކާއި އޭގެ ވަސީލަތްތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ ރާއްޖެ ފަދަކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަޤްބަލަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކަނޑުތަކަށް ނުރައްކާވާ ކަންކަން ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.