ހަވާސާވެފައިވާ ފަރާތްތަކަށް އެހީވުމަށް މަމްސް އެއިޑާ ސޯޝަލް މިނިސްޓްރީން ފަހުމުނާމާއެއް

1 month ago

އަފްރާހް

ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މަމްސް އެއިޑް ޖަމުޢިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މިފަހުމުނާމާގެ މައިގަނޑު މަގްސަދަކީ ސޯޝަލް މިނިސްޓްރީން ކުރިއަށްގެންދާ 'ހާލު ކިހިނެއް އަދި އިޖުތިމާޢީ ބަދަހި މަދަދުވެރިން، "އިބަމަ" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ހެދޭ އިންޓަވެންޝަން ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑް އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.


މީގެއިތުރުން ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށާއި، މައްސަލަތަކާ ގުޅިގެން އަނިޔާލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާގެ މެންޑޭޓުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން ވުޒާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވުޒާރާގެ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަމްސް އެއިޑްއިން ކުރާ މަސައްކަތްތަކުގައި ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ހަމަމިއާއެކު ނާޒުކު ހާލަތްތަކުގައި ތިބި ޢާއިލާތަކާއި، ވަކި ފަރުދުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއެކު، އެމީހުންނަކީ އަމިއްލަ މަސައްކަތުން އުޅޭނޭ ބަޔަކަށް ހެދުމަށް، މަމްސް އެއިޑްއިން ހިންގާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ވުޒާރާއިން ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަމްސް އެއިޑްއިން ފަހިކޮށްދިނުމަށް މި ފަހުމުނާމާގެ ދަށުން އެއްބަސްވެއެވެ.


ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމާއި މިފަދަ ޕްރޮގުރާމުތައް އާންމުންގެ މެދުގައި ޕްރޮމޯޓްކުރުމަށް ވެސް މި ފަހުމުނާމާގެ ދަށުން ވަނީ އެއްބަސްވެފައެވެ.


އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަކީ ސޯޝަލް މިނިސްޓްރީގެ އަމާޒެވެ.  


ކިޔުންތެރިންގެ ހިޔާލު