މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ފަށައިފިއެވެ.
މަތީތައުލީމާއި ތަމްރީނާއި ވެލްނަސްދާއިރާގެ 200 އަށްވުރެ ގިނަ ފުރުސަތާއެކު މި އެކްސްޕޯ ހުޅުވައިދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދުއެވެ.
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ރާއްޖެއިން ބޭރުގެ އެކި ޔުނިވަރސިޓީތަކުގައި ރާއްޖޭގެ ގިނަ ކުދިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަކަން ފާހަގަކުރައްވައި، ބޭރުގެ ޔުނިވަރސިޓީތަކަށް ދާއިރުވެސް އެތަނަކީ ކޮންފެންވަރެއްގެ ތަނެއްތޯ ބަލައި ކަށަވަރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށްޓަކައި އެމިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގުޅިގެން އުސޫލްތަކެއް އެކަށައަޅާފައިވާކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ފަރާތުން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 ފަރާތަކުންވަނީ ބައިވެރިވެފައެވެ. މިއެކްސްޕޯގައި ތައުލީމާއި ވެލްނަސް ދާއިރާއިން 100 އަށްވުރެންގިނަ ފުރުސަތު ރާއްޖެއަށްވަނީ ހުޅުވާލާފައެވެ.
އޭގެތެރޭގައި ބިޒްނަސް، އެކައުންޓިންގ، އައިޓީ، ހޮސްޕިޓަލިޓީ، މެޑިސިން، ނާރސިންގ ފަދަ ދާއިރާތައް ހިމެމެނެއެވެ. އަދި ބައޯ މެޑިކަލް ސައިންސް، ގޭމް ޑިވެލޮޕްމަންޓް، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންޓިޓީ ސާރވޭއިން، އިލެކްޓްރިކް، އޭވިއޭޝަން ވެސް ހިމެނެއެވެ.
މީގެއިތުރުން އާރކިޓެކްޗަރއާއި ފެޝަންއާއި އިންޓީރިއަރ ޑިޒައިނިންގ ފަދަ ރާއްޖެއަށް މުހިންމު ދާއިރާތަކުން ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ތައުލީމު ހާސިލުކުރެވޭ ކޯސްތައް ހިމެނެއެވެ.
މިއެކްސްޕޯގައި ރާއްޖޭގެ މަތީތައުލީމު ފޯރުކޮށްދޭ ރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި ރާއްޖެއިން ބޭރުގެ އޮސްޓްރޭލިއާ، ޔޫކޭ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކާއި މަތީތައުލީމު ފޯރުކޮށްދޭ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިއަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. ހުޅުވާފައި ހުންނާނީ ހަވީރު 3 ން ރޭގަނޑު 10 ޖަހަންދެނެވެ.