ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކުރަން މަޖިލީހުން އޯކޭ

ޒަމްޢަތު އަހުމަދު ވަޙީދު - ފޮޓީ: ޒަމްޢަތު ފޭސްބުކް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ޒަމްޢަތު އަހުމަދު ވަޙީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 

ބްރޯޑްކޮމް މެމްބަރެއްކަމުގައިވާ އައިމިނަތު އަމީނާގެ މަގާމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވެފައިވާތީ، މެމްބަރުކަމަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން، އެދިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް، މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރެއްވުމަށްފަހުއެވެ.

 

އެ މަގާމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 6 ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މި ނަންތަލުގެ ތެރޭގައި މިދިޔަ މަހު މަޖިލީހުން ރުހުން ދިނުމުން ކޮމިޝަނަށް އައްޔަން ކުރެއްވި އަޙްމަދު ރިޟްވާންގެ ނަންވެސް ހިމެނޭތީ އޭނާގެ ނަން ވަނީ ކޮމިޓީ މަރުހަލާގައި އުނިކޮށްފައެވެ.

 

ބާކީ 5 ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 3 ބޭފުޅަކަށް 75 އިންސައްތަ އަށްވުރެ މަތިން މާކްސް ދީފައެވެ. އެއީ ޒަމްޢަތު އަހުމަދު ވަޙީދާއި ޒީނާ ޒާހިރު އަދި ޝިމްލާ އަހުމަދެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުން ފާސްވެފައިވަނީ ޒަމްޢަތު އައްޔަން ކުރެއްވުމަށެވެ.

 

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސް މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރުމުންނެވެ.

 

ބްރޯޑްކޮމް އަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ދައުރަކީ 4 އަހަރެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވީ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲ އާއި އަހުމަދު ރިޟްވާން އަދި އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.

 


  • މަޖިލިސް ރައީސް
  • ބްރޯޑްކޮމް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް