މޫސުމީ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް މަޝްވަރާކޮށްފި

ބަރލިންގައި ބޭއްވި ކްލައިމެޓް މޮބިލިޓީ ފޯރަމްގެ ތެރެއިން އިންތިޒާމްކުރި ހައި ލެވެލް ބްރެކްފަސްޓް މީޓިންގގައި ރާއްޖޭގެ އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ޖަރުމަން ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ އާއި ރޮބަޓް ބޮޝް ސްޓިފްޓަންގ ފައުންޑޭޝަނުން އިންތިޒާމްކުރި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި ވަޒީރުންނާއި އިންޑަސްޓްރީގެ އިސް ލީޑަރުންނާ ބައްދަލުކުރައްވާފައެވެ.

 

މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިނިސްޓަރ ތޯރިގް، މި ބައްދަލުވުމުގައި ރާއްޖޭގެ ކަންބޮޑުވުންތަކާއި އިސްކަންދޭ ކަންތައްތައް ހިއްސާކުރެއްވިއެވެ.

 

މިއީ ބައިނަލްއަގުވާމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމަކަށްވާއިރު، މީގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ވަނީ އުންމީދުކުރެވިފައެވެ.

 


  • ތޯރިގް އިބްރާހިމް
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް