ޚަބަރު

ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް އިފްތިތާހުކޮށްފި

ފޮޓޯ: ޕީއެސްއެމް

ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރިޕޯޓް ލޯންޗްކޮށްދެއްވާފައިވަނީ ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފްއެވެ.

މިއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ވަރލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫއުގެ ދަށުން އިގްތސާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ހިންގި ދިރާސާގެ ހޯދުންތަކާއި ހުށަހެޅުންތައް ހިމެނޭ ރިޕޯޓެވެ.

2024 ވަނަ އަހަރު ކުރިއަށްގެންދިޔަ މިދިރާސާގެ އަމާޒަކީ ހޯދުންތަކުގެ އަލީގައި ތަމްރީނުދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަތުމެވެ. އަދި ރާއްޖޭއަށް ބޭނުންވާ އިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްނިދުމުގެ މަގުޗާޓެއް އެކުލަވާލުމެވެ.

މީގެއިތުރުން ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު އެއްކުރެވިފައިވާ ލޭބަރ މާކެޓް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކޮށް، ނެޝަނަލް ކެރިއަރސް ސަރވިސް މެދުވެރިކޮށް ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަކީ ވެސް މި ދިރާސާ ހެދުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ބޭނުމެކެވެ.

މައުލޫމާތު އެއްކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާތައް ހިމެނެއެވެ. އަދި ތައުލީމީ ދާއިރާއާއި ސިއްހަތާއި އިޖްތިމާއީ ހިދުމަތްތެރިކަމުގެ ދާއިރާ ވެސް ހިމެނޭއިރު، ހޯލްސޭލް ރީޓެއިލް، ވިޔަފާރީގެ ދާއިރާއާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާއާއި  ދަނޑުވެރިކަމާއި މަސްވެރިކަމާއި ދަތުރުފަތުރުގެ ދާއިރާ ވެސް ވަނީ ހިމަނާފައެވެ.

 


  • ނައިބު ރައީސް
  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް