މަތީ އަރުތަވެރިންގެ އިނާމުގެ 5 ވަނަ ދަންފަޅީގެ ޝަރަފްވެރި މެހްމާނަކީ ރައީސް

"މަތީ އަރުތަވެރިންގެ އިނާމު 2024" ގެ ފަސްވަނަ ދަންފަޅި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

 

މިއީ މަތީ ޘާނަވީއާއި، ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް ކުރިއަށްގެންދިޔަ ހަފުލާތަކެކެވެ.

 

ޒުވާނުންގެ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި މަތީ ޘާނަވީ އިމްތިހާނުން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންނާއި ޘާނަވީ އިމްތިހާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި މި ދެ އިމްތިހާނުން ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.

 

މި ރަސްމިއްޔާތުގައި ރައީސް ވަނީ މަތީ ޘާނަވީ އިމްތިހާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން "އައުޓްސްޑޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް،" ހާސިލުކުރި 2 ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި ޘާނަވީ އިމްތިހާނުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި 57 ދަރިވަރުންނަށާއި، ޘާނަވީ އިމްތިހާނުން ގައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް ވެސް އިނާމު ހަވާލުކޮށްދެއްވިއެވެ.

 

މީގެއިތުރުން މަތީ ޘާނަވީ އިމްތިހާނުން ގައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެމަނިކުފާނަށް ޝަރަފުގެ ސަލާމަކުން އިސްތިގުބާލުކޮށް، ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

 

ހުރިހައި އުމުރުފުރާއެއްގައިވެސް ދިވެހި ދަރިވަރުންނަށް ލިބޭ ތައުލީމުގެ ފެންވަރު މަތިކުރެއްވުމަށާއި، ތައުލީމީ ބިނާރު ހަރުދަނާކުރެއްވުމަށާއި، ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މި ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • އެޑިއުކޭޝަން މިނިސްޓަރ
  • އެޑިއުކޭޝަން މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް