އީރާން – އިޒްރާއިލް ހަނގުރާމައާ ގުޅިގެން މަޖިލީހަށް ގަރާރެއް

މިހާރު ހިނގަމުންދާ އީރާން، އިޒްރާއިލް ހަނގުރާމައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

 

މިއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރެކެވެ. ބޭނުމަކީ އެ ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުންގެންދޭތޯ ކަށަވަރުކުރުމެވެ.

 

މީކާއިލްގެ ގަރާރުގައި ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހަނގުރާމައެއް ހިނގަމުންދާއިރު، އެ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި އެތަކެއް ދުވަސްތަކަކަށް ދިގުދެމިގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

 

ހާއްސަކޮށް ރާއްޖެއަކީ ތެލާއި، ކާބޯތަކެއްޗާއި، ބޭހާއި އެ ނޫން ވެސް ޒަރޫރޫ އެންމެހައި ތަކެތި އިމްޕޯޓްކޮށްގެން ބޭނުންކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ އިގްތިސޯދުގެ އެންމެބޮޑު ސިނާއަތަކީ އަދި ބޭރުފައިސާ ހޯދައިދޭ މައިގަނޑު ވަސީލަތަކީ ޓޫރިޒަމްކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.

 

" ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް."

 

މީގެއިތުރުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލައިދޭ އެއަރލައިންތަކަކީ ގަތަރު އެއަރވޭސް އާއި އެމިރޭޓްސް އެއަރލައިން ފަދަ މެދުއިރުމަތީގެ ގައުމަތަކަށް ނިސްބަތްވާ އަދި ދޯހާއާއި ދުބާއީފަދަ މަންޒިލްތަކުން ޓްރާންސިޓް މަގުން ދުނިގޭގެ ސިޓީތަކަށް ދަތުރުކުރާ އެއަރލައިންތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މެދު އިރުމަތީގައި ހިނގާ ހަނގުރާމަ ދިގުލައިގެންދާނަމަ ރާއްޖެއަށް ކުރާ ދަތުރުތައް މަޑުޖެހި ޓޫރިސްޓުން އައުން މަދުވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

އެގަރާރުގައި އިތުރަށް ވިދާޅުވީ އެ މަގުން ކަންކަން ހިނގައިފިނަމަ ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރުފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ރާއްޖެއަށް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއް ކަމަށެވެ.

 

އެހެންކަމުން އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި، ކާޑުގެ ބާވަތްތަކާއި ތުއްތުކުދިންގެ ކާނާފަދަ، ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމްކަމެއް ކަމުގައި މީކާއިލްގެ ގަރާރުގައިވެއެވެ.

 

 

 


  • އީރާން
  • އިޒްރާއީލް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް