4 weeks ago
ވަކި ޖިންސަކަށްވީތީ ތަހައްމަލް ކުރަންޖެހޭ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މި ވުޒާރާއަށް ކޮންމެ އަހަރަކު ވެސް ހުށަހެޅޭ ކަމަށް ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ބާއްވާ ދެ ދުވަހުގެ މަދަނީ ޖަމުޢިއްޔާތަކުގެ މަހާސިންތާގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ދިވެހި ސަރުކާރުގެ މިހާރުގެ ސިޔާސަތު ކަމުގައިވާ "އޯގާތެރި މުޖްތަމަޢު" އަކީ މިފަދަ އަނިޔާވެރިކަން ނައްތާލުމަށް ކުރާ މަސައްކަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މިފަދަ އަނިޔާ މަދުކުރެވޭނެ ގޮތަކަށް މަސައްކަތްތައް ރާވައި ބައްޓަންކުރުން ކަމަށެވެ.
މީގެއިތުރުން ހުރިހައި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދެވޭ އަމާން މާހައުލެއް ގާއިމުކޮށް، އެއްވެސް ފަރުދަކު ބާކީ ނުވާނެހެން އެންމެން ޝާމިލުވެ އުޅޭ އުފާވެރި އޯގާތެރި މުޖުތަމައެއްގެ ގޮތުގައި މި މުޖުތަމައު ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުކަން ފާހަގަކުރެއްވިއެވެ.
މިގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ބައްޓަންކުރެވިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރާ އެއްގޮތަށް ޢާއިލީ ރައްކާތެރިކަމާއި، އިޖްތިމާޢީ ހަމަޖެހުން ގާއިމުކުރުމާއެކު ކަމުގައި ވިދާޅުވިއެވެ. އަދި އެކި ބާވަތުގެ ހާނިއްކަ (އެބިއުސް) އާއި އަނިޔާ ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އިސްރަށްވެހީންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، އެ އަމާޒަށް ވާސިލުވެވޭނެ ގޮތަށްކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެއާއެކު ގެވެށި އަނިޔާ ނުވަތަ ވަކި ޖިންސަކަށް ވީތީވެ ކުރާ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ވުޒާރާއަށް މަތިކުރެވިފައިވާ ޒިންމާތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިންގެ އެހީގައި ގިނަ ފަރާތްތަކަކަށް އަވަސް އެހީއެއް ފޯރުކޮށްދެވޭކަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރަށް ތަރައްގީކޮށް އެ މަރުކަޒުތަކުންދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެފަދަ އިތުރު ތިން މަރުކަޒެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައިކަން ފާހަގަކުރެއްވިއެވެ.