ހައްދުންމަތީގައި ވޭސްޓް ޓް އާޓްގެ ހަރަކާތެއް ބާއްވައިފިއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ ލ. ގަމުގެ ބޮޑަމަގަ ބީޗުގައި މި ހަރަކާތް ބޭއްވީ މިއަދު ހެނދުނު ކަމަށެވެ.
އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ފާއިޒެވެ. މި ހަރަކާތުގައި 220 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ.
މިނިސްޓްރީން ވިދާޅުވީ އެސަރަހައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައިވާ ކަީ ތިމާވެށި ސާފުކުރުމާއި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ މައުލޫމާތު ދިނުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެއް ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ފާއިޒް ވަނީ މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށާއި އެރަށުގެ ރައްޔިތުން ދެއްވި ތަރުހީބަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ވޭސްޓް ޓު އާޓް" ހަރަކާތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އާދަތައް އާލާކުރުމަށާއި ޕްލާސްޓިކުން ތިމާވެށީގެ ތަޣައްޔަރުވުން މަދުކުރުމަށާއި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ފުޅާ ކެމްޕޭނެއްގެ ބައެކެވެ.