ފަންނީ މީހުން ތަމްރީން ކުރުމަށް ނޭޕާލްއާއެކު މަޝްވަރާކޮށްފި

ފަންނީ މީހުން ތަމްރީން ކުރުމަށް ނޭޕާލް އާއެކު މަޝްވަރާކޮށްފިއެވެ.

 

މި މަޝްވަރާތައްކޮށްފައިވަނީ ތައިލެންޑްގެ ބެންކޮކްގައި ކުރިއަށް ގެންދިޔަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގެ ތެރެއިންނެވެ.

 

މި މަޝްވަރާކޮށްފައިވަނީ ހެލްތުގެ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމް ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލް އެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެގޮތުން މި ބައްދަލުވުމުގައި ނޭޕާލުގައި ރާއްޖޭގެ ހެލްތު ޕްރޮފެޝަނަލުންނަށް ހާއްސަކޮށް ނަރސިންގއާއި ސްޕެޝަލިސްޓް މެޑިކަލް ދާއިރާތަކުން މީހުން ތަމްރީން ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

 

މިނިސްޓްރީގެ ޓީމު ތައިލެންޑްގެ ބެންކޮކަށް ކުރައްވާ މި ދަތުރަކީ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި އެ މިނިސްޓްރީން ބައިވެރިވުމަށް ކުރައްވާ ދަތުރެކެވެ. މިމަހުގެ 24 އިން 26 އަށް ބޭއްވި އޭޝިއާ އެންޑް ޕެސިފިކްގެ ތިންވަނަ ސީއާރުވީއެސް ކޮންފަރެންސްގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމްއެވެ.

 

މި ކޮންފަރެންސްގައި ސަރަހައްދީ އޮފިޝަލުންނާއި ޑިވެލޮޕްމަންޓް ޕާޓްނަރުން އެއްތަނަކަށް އެއްވެ، ކާމިޔާބީތައް ފާހަގަކޮށް، ކުރިއެރުންތައް ވަޒަންކުރިއެވެ. އަދި އާންމު ސިއްހަތާއި ތަރައްގީގެ ޕްލޭނިންގ އަށް ތާއީދުކުރާ ސީއާރުވީއެސް ނިޒާމުތައް ކުރިއެރުވުމަށް ފާހަގަކޮށްފައިވެއެވެ.

 

މީގެއިތުރުން ސީއާރުވީއެސް ޑިކޭޑްގެ އަމާޒުތައް 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާ އެއްގޮތްކޮށްގެން ގައުމީ އަދި ސަރަހައްދީ ވައުދުތައް އާކުރުމުގެ ޕްލެޓްފޯމެއް ގާއިމުކުރިއެވެ.

 

މި ކޮންފަރެންސްގައި ރާއްޖެއިން ސީއާރުވީއެސް އާއި ސިއްހީ ނިޒާމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ތަޖުރިބާތަކާއި ސްޓްރެޓެޖީތައް ވަނީ ހިއްސާކޮށްފައެވެ. އަދި ޑިޖިޓަލް ރަޖިސްޓްރޭޝަން އިތުރުކުރުމާއި، މަރުގެ ސެޓްފިކެޓް ރަނގަޅުކުރުމާއި ކޮންމެ ފަރުދަކު އުފަންވުމުން ފެށިގެން މަރުވުމާ ހަމައަށް ހެލްތު ރެކޯޑްސް ބެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމާ ގުލޭގޮތުން މައުލޫމާތު ހިއްސާކުރެވުނެއެވެ.

 

 


  • ނޭޕާލް
  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް