ވޭސްޓް ޓު އާޓް މުބާރާތް: ބައިވެރިންގެ ހުނަރުވެރިކަމަށް ތައުރީފު!

ވޭސްޓް ޓު އާޓް މުބާރާތް ކާމިޔާބީއާއެކު ނިމިއްޖެއެވެ.

 

މި މުބާރާތާއި ގުޅޭގޮތުން އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ މުޅި މުބާރާތުން ފެނިގެންދިޔައީ ހިތްވަރުދޭ ފުރިހަމަ ދަތުރެއް ކަމަށެވެ. އަދި މިއީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށެވެ.

 

މި މުބާރާތުގެ ބައިވެރިންގެ ފަރާތުން ފެނުނު ހުނަރުވެރިކަމާއި، ތިމާވެށީގެ ދިފާއުގައި އެބައިމީހުންގެ ހިތުގައި އުފެދިފައިވާ ޝައުގުވެރިކަން ފެނި، އެންމެންވެސް ވަނީ ހައިރާންކަމުގެ ތެރޭގައިި ކަމުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މުބާރާތުގައި ބައިވެރިވި ފަންނާނުން ވަނީ ގުޅިގެން، އެކި ބާވަތްބާވަތުގެ ކުނިން އަގުހުރި ފަންނުތަކެއް އުފައްދާފައެވެ.

 

މި މަސައްކަތްތަކުން އަޕްސައިކަލް ކުރުމުގެ ބާރާއި، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން މަދުކުރުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައިވެއެވެ. މިފަދަ ހުނަރުވެރި އުފެއްދުންތަކަކީ ހަމައެކަނި ފަންނެއް ނޫނެވެ. މިއީ ސާފުތާހިރު، ފެހިފަސް މުސްތަގުބަލަކަށްޓަކައި އުންމީދާއި، އަޒުމާއި، އަމަލުގެ ވަރުގަދަ މެސެޖެކެވެ. މުބާރާތުން ދައްކުވައިދިނީ ކުނިވެސް ފަންނަކަށް ބަދަލުކުރެވޭނެކަމުގެ ހެއްކެވެ.

 

މި މުބާރާތް ބޭއްވުނީ ތިމާވެށި ރައްކާތެރިކުރުމާއި، ހުނަރުވެރި ގޮތްތަކުން ދެމެހެއްޓެނިވި ތަރައްގީއަށް ހިތްވަރުދިނުމުގެ މަގްސަދުގައެވެ. ބައިވެރިންގެ ފަރާތުން ފެނުނު ތިމާވެއްޓަށް ދޭ އަހަންމިއްޔަތުކަން އެކިގޮތްގޮތަށް ދައްކުވައިދީފައިވާތީ، މުބާރާތުގެ އިންތިޒާމްކުރި ފަރާތްތަކުން ވަނީ ބައިވެރިންނަށް ޝުކުރުއަދާކޮށްފައެވެ.

 

ތިމާވެށި ރައްކާތެރިކުރުމާއި، ހުނަރުވެރި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް މިނިސްޓްރީން ޝުކުރު އަދާކުރާއިރު، މިފަދަ ހިތްވަރުގަދަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް ދެމިގެންދާނެ ކަމަށް ވެސް އުންމީދުކުރެއެވެ. އަދި މިހާރު ލިބިފައިވާ ހިތްވަރު ދަމަހައްޓައި، މި ދަތުރު ކުރިއަށް ގެންދާނެ ކަމަށް ޔަގީންކުރާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

 


  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް