ތިމާވެށި ރައްކާތެރިކުރުމަށް ޖަމްއިއްޔާތަކުގެ ބައިވެރިވުން ވަރަށްބޮޑަށް ބޭނުން: މިނިސްޓަރ

ބ. ކެންދޫގެ ގިރަމުންދާ ގޮނޑުދޮށް - ފޮޓޯ: ކުޑޭ

ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، އެ މަސައްކަތްތަކުގެ އަމާޒުތައް ހާސިލުކުރުމަށް ރައްޔިތުންނާއި ސަރުކާރު ނޫން ޖަމްއިއްޔާތަކުގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ އެޑެޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އާއި ގައުމީ ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން (އެން.ބީ.އެސް.އޭ.ޕީ) އާ ގުޅޭގޮތުން ބޭއްވި ކޮމިއުނިޓީ އެންގޭޖްމަންޓް ފޯރަމް އިފްތިތާހު ކުރައްވައި، ވާހަކަދައްކަވަމުންނެވެ.

 

ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ތިމާވެށި ހޭނުވުމާއި ގައުމީ ފެންވަރުގައި ހިމާޔަތްކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުމުގައި އާންމު ރައްޔިތުންނާއި އެން.ޖީ.އޯ.ތައް ބައިވެރިކުރުމެވެ.

 

މިނިސްޓަރ ވަނީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މުސްތަގުބަލަށް އަމާޒުކޮށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަކީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގައި މުޅި މުޖުތަމައުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

 

މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން އަޅުގަނޑުމެންގެ ރަށްތަކާއި ދިރިއުޅުން ރައްކާތެރިކުރުމަށް، އެން.އޭ.ޕީ އާއި އެން.ބީ.އެސް.އޭ.ޕީ ފަދަ މުހިންމު ރޭވުންތައް ތަންފީޒުކުރުމުގައި ކޮންމެ ރައްޔިތަކާއި ކޮންމެ ޖަމްއިއްޔާއެއްގެ ދައުރަކީވެސް ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރެއްވިއެވެ.

 

މި ފޯރަމްގެ ތެރެއިން ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށާއި އެން.ޖީ.އޯ.ތަކަށް ވަނީ ލިބިގެންގޮސްފައެވެ.

 

މިފަދަ ފޯރަމްތަކަކީ ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ހުރިހާ ފަރާތްތަކެއްގެ ހިޔާލު ހޯދައި، އެންމެ އެކަށޭނެ ގޮތްތައް ކަނޑައެޅުމަށް އެހީތެރިވެދޭނެ ކަމެކެވެ.

 

 


  • ތޯރިގް އިބްރާހިމް
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް