އޭސީސީގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

3 weeks ago

އަފްރާހް

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.


2024 ނޮވެންބަރު 25 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކުރެއްވި މި ބިލު، ރައީސް ތަސްދީގު ކުރައްވާފައިވަނީ ނޮވެމްބަރ 26 ވަނަ ދުވަހުއެވެ.


މި އިސްލާހުގެ ދަށުން ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރާ އުސޫލަށް ގެނައި ބަދަލާއެކު ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބުރައީސެއް އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބުރައީސަކު އައްޔަންކުރާނީ، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއްގެ ނަން ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޟިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ނުވަތަ މީހުންނެވެ.


އެހެންނަމަވެސް މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބުރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ މެންބަރުން، ގާނޫނުގައިވާ ގޮތުގެމަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.


މި އިސްލާހުގެ ދަށުން، ކޮމިޝަނުގެ ރައީސް ނުވަތަ ނައިބުރައީސް އިސްތިއުފާ ދިނުމުގެ އިޖުރާއަތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.


އެގޮތުން ކޮމިޝަނުގެ ރައީސް އަދި ކޮމިޝަނުގެ ނައިބުރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އިސްތިއުފާގެ ސިޓީ ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.


މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު