3 weeks ago
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމްކޮށްގެން އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) ގެ ނަމުގައި މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އިންޒެކް އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް ބައިވެރިވާނެއެވެ.
މި ކޮންފަރެންސްގައި މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިންޒެކް 2024ގެ އަމާޒަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ހިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ގާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދިނުމެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 15 ޑިސެމްބަރު 2023 ގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާ، ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙްކުރެއްވީ 2 ޖަނަވަރީ 2024 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޒަކާތު ކޮންފަރެންސް 2024 ގެ ސިލްވާ ސްޕޮންސަރަކީ އެމް.އެޗް.އޭ އެވެ. ބްރޮންޒް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ. އަދި ކޭޓަރިންގ ޕާޓްނަރަކީ ބުރުޒު ކޭޓަރިންގއެވެ.