3 weeks ago
ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ އޭޑްސް ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަދުވަހެވެ. މި ދުވަހަކީ އެޗްއައިވީ/އޭޑްސް އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައި، މި ބަލީގެ ސަބަބުން ގެއްލިފައިވާ ފުރާނަތަކަށް ހަނދާންކޮށް، މި ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރެވޭ ދުވަހެކެވެ. މި ދުވަސް އެންމެ ފުރަތަމަ ދުނިޔޭގައި ފާހަގަކުރަން ފެށިފައިވަނީ 1 ޑިސެމްބަރ 1988 ވަނަ އަހަރުގައެވެ.
ދުނިޔޭގެ އެއިޑްސް ދުވަހުގެ މިއަހަރުގެ ޝިޔާރެއްގެ ގޮތުން ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ޝިޔާރަކީ " ރަނގަޅު މަގު ޚިޔާރުކުރާށެވެ: އަހަރެންގެ ޞިއްޙަތަކީ އަހަރެންގެ ޙައްޤެކެވެ!" މިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ2023 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މުޅި ދުނިޔޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދަކީ 39.9 މިލިއަނެވެ. މީގެ ތެރެއިން 38.6 މިލިޔަން މީހުންނަކީ 15 އަހަރުންމަތީގެ މީހުންނެވެ. އަދި 1.3 މިލިޔަން މީހުންނަކީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި މިބަލިޖެހިފައިވާ މީހުންގެ %53 އަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ހަމަ 2023 އަހަރު، އެޗްއައިވީއާ ގުޅުންހުރި ބަލިތަކުގެ ސަބަބުން 630,000 (ހަލައްކަ ތިރީސްހާސް) މީހުން މަރުވެފައިވާކަމަށް ޑަބްލިޔު.އެޗް.އޯ ގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ކަންބޮޑުވާންޖެހޭ ފަދަ އަދަދެކެވެ. އަދި މި ބަލި ފެތުރެމުންދާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމަކީވެސް ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މިހާތަނަށް އެއިޑްސް ބަލި ޖެހިފައި ތިބިމީހުންގެ ތެރެއިން ބަލިން ފަސޭހަވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވަނީ ދެ ފިރިހެނުންނާއި އެމެރިކާގެ އަންހެނެކެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު، އެޗްއައިވީ/އޭޑްސް ބަލިޖެހިފައިވާ މީހެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުގައެވެ. އަދި މިހާރު އެޗްއައިވީ/އޭޑްސް ބަލި ޖެހިގެން 22 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ. ނަމަވެސް، މި ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އޮތް މިންވަރު ބޮޑުކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި މަސްތުވާތަކެތީގެ ބޭނުންކުރުން އިތުރުވެ، ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން މި ބަލި ފެތުރުމުގެ ނުރައްކާ އެބައޮތެވެ. އަދި ތަފާތު ގައުމުތަކުގެ މަސައްކަތްތެރިން ގިނަ އަދަދަކަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަކަމީ މިބަލި އިތުރަށް ފެތުރުމަށް ހުޅުވިފައިވާ ދޮރެއްގެ ގޮތުގައި އެބޭފުޅުން ފާހަގަކުރައްވައެވެ.
އެޗްއައިވީ/އޭޑްސްގެ ނުރައްކާތެރިކަމާއި މި ބަލިން ރައްކާތެރިވުމަށް ޢަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭގޮތުން އިސްލާމީ ޢިލްމުވެރިން ވަރަށް ގިނަ ބަސްފުޅުތައް ވިދާޅުވެފައިވެއެވެ. އިސްލާމްދީނުގައި ޒިނޭކުރުން ޙަރާމްކުރެވިފައިވާ ފަދައިން، ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީވެސް ދީނުގައި ޙަރާން ކުރައްވާފައިވާކަމެވެ. މި ފަދަ ޢަމަލުތަކުން ދުރުހެލިވުމަކީ އެޗްއައިވީ/އޭޑްސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
އިސްލާމީ ޝަރީޢަތުގައި ވަނީ މަސްތުވާތަކެތި ބޭނުންކުރުން މަނާކޮށްފައެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މީހާގެ ވިސްނުން ގެއްލި، ނުރަނގަޅު ޢަމަލުތަކަށް އަރައިގަތުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އެހެންކަމުން، މަސްތުވާތަކެތިން ދުރުހެލިވުމަކީވެސް އެޗްއައިވީ/އޭޑްސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެހެނީ އިސްލާމްދީނުގައި ވަނީ ސާފުތާޙިރު ކަމާއެކު އުޅުމަށް މީސްތަކުން އުޅުމަށް ބާރުއަޅުއްވާފައެވެ. މިގޮތުން، އަމިއްލަ ހަށިގަނޑުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބޭނުންކުރާ ތަކެތި އެހެން މީހުންނާ ހިއްސާނުކުރުމަކީވެސް އެޗްއައިވީ/އޭޑްސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެވެ.
އިސްލާމްދީނުގައި ވަނީ ކައިވެނީގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ. ކައިވެނިކޮށްގެން އުޅުމަކީ ޖިންސީ ގުޅުން ހިންގުމުގެ ޝަރުޢީ ގޮތެވެ. އެހެންކަމުން، ކައިވެނިކުރުމަށް ހިތްވަރުދިނުމާއި، ކައިވެނިކުރުމަށް ހުރި ހުރަސްތައް ނައްތާލުމަކީ މުޖުތަމަޢުގައި އެޗްއައިވީ/އޭޑްސް ފަދަ ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު އަނެއް ފިޔަވަޅެވެ.
އިސްލާމްދީނުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެޗްއައިވީ/އޭޑްސް ޖެހިފައިވާ މީހުންނާމެދު އޯގާތެރިކަމާއެކު މުޢާމަލާތްކުރުމަކީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ކަމެކެވެ. ނަމަވެސް، މިބަލި ފެތުރުމުގެ ނުރައްކާ އޮތް ކަންކަމުން ދުރުހެލިވާންޖެހޭނެއެވެ. މިސާލަކަށް، އެޗްއައިވީ/އޭޑްސް ޖެހިފައިވާ މީހަކާ ކައިވެނިކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކުރެވިފައިވާ ކަމެއް ނޫނެވެ.
އެހެންކަމުން، އެޗްއައިވީ/އޭޑްސްއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ބަލީގެ ނުރައްކާތެރިކަމާ ބެހޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީވެސް އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މިގޮތުން، ދުނިޔޭގެ އޭޑްސް ދުވަސް ފާހަގަކުރުމަކީ މި ބަލީގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.