އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހަށް ޢަމަލުކުރަން ފަށައިފި

3 weeks ago

އަފްރާހް

އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހަށް ޢަމަލުކުރަން ފަށައިފިއެވެ.


މި ގާނޫނަށް ގެނައި އިސްލާހަށް ޢަމަލުކުރަން ފަށާފައިވަނީ ޑިސެމްބަރ ފުރަތަމަ ދުވަހުން ފެށިގެންނެވެ.


މި ބަދަލަށް ޢަމަލުކުރަން ފަށާފައިވާއިރު، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ނަގާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުންނެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބައިނަލްއަގްވާމީ އެއާޕޯޓުތަކުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާނީ ހަމައެކަނި ޑިޕާޗަރ ޓެކުހެވެ.


ޓެކުހަށް ގެނައި ބަދަލުގެ ތެރޭގައި، ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގަމުން އައިނަމަވެސް އެމީހުންގެ އަތުން ދެންނަގާނީ 50 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ 50 ޑޮލަރުގެ ބަދަލުގައި ދެން ނަގާނީ 120 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން ނަގަމުން އައި 90 ޑޮލަރުގެ ބަދަލުގައި އެމީހުންގެ އަތުންނަގާނީ 240 ޑޮލަރެވެ.


މީގެއިތުރުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން މީގެފަހުން ނަގާނީ 480 ޑޮލެވެ. ކުރިން ނަގަމުން އައީ 120 ޑޮލަރެވެ.


މި ރޭޓުތަކަށް ބަދަލު އައި ނަމަވެސް، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ނަގަމުން އައި ފީއަށް އެއްވެސް ބަދަލެއް ނުގެނެއެވެ.


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން 97.8 އިންސައްތަ ދިވެހިން ދަތުރުކުރީ އިކޮނޮމީ ކްލާހުގައެވެ. އަދި ރާއްޖެއައި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކުރީ އިކޮނޮމީ ކްލާހުންކަމަށް މީރާގެ ތަފާސް ހިސާބުތައް ދައްކައެވެ.


ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މީރާއަށް 65.5 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިމުއްދަތަގައި ލިބިފައިވަނީ 64.1 މިލިޔަން ޑޮލަރެވެ.


ޓެކުހާއި ފީއަށް އަލަށް ގެނައި ބަދަލާއެކު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ވަނީ އިންދާޒާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު