9 ލައްކައަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

3 weeks ago

އަފްރާހް

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 395 ގުރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.


މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.


މިގޮތުން 2024 ނޮވެންބަރު 30 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.


މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 395 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 987,500.00 (ނުވަލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.


މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނެއް މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު