އެމްއެސްޕީއޭ ފިލްމު އެވޯޑްސް މި މަހު 22 ގަ، ފުރަތަމަ ދައްކާނީ 40 ޕްލަސް

2 weeks ago

އަފްރާހް

މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިން އާޓްސް (އެމްއެސްޕީއޭ) އިން ބާއްވާ ފިލްމު އެވޯޑްސް މި ހިނގާ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.


މި އެވޯޑްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމުން 19 ފިލްމެއް ބައިވެެރިކޮށްފައިވާކަމަށް އެމްއެސްޕިއޭ އިން ވަނީ ހާމަކޮށްފައެވެ.


ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އާއި ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލު ތާވަލުކޮށްފައިވާގޮތަށް ޑިސެމްބަރ 22 ން 28 ގެ ނިޔަަލަށް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އޮލިމްޕަސް ސިނަމާގައެވެ.


މި ފެސްޓިވަލްގައި ޑިސެމްބަރ 22 ވަނަ ދުވަހުގެ ރޭ 8:15 ގައި 40 ޕްލަސް ދައްކާއިރު، އެރޭ 11:30 ގައި ދައްކާނީ ކަޅަކިއެވެ.


ޑިސެމްބަރ 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް ކޮންމެދުވަހަކު ތިން ފިލްމު ދެއްކުމަށް ނިންމާފައިވާއިރު، 28 ވަނަ ދުވަހު ދައްކާނީ ދެ ފިލްމެވެ.


މިއީ ރާއްޖޭގައި އުފައްދާ ދިވެހި ފިލްމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އެވޯޑެކެވެ. އަދި އެ ފަރާތްތައް ކުރިއެރުވުމާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ވާދަވެރި މާހައުލެއްގައި މޮޅު އުފެއްދުންތަކެއް އުފެއްދުމަށް ހިތްވަރު ދިނުމަކީ ވެސް މަގްސަދެއް ކަމުގައި އެމްއެސްޕީއޭ އިން ހާމަކުރެއެވެ.


މި އެވޯޑުގައި 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ފައިބެއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފީޗަރ ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.


ޖުމްލަ 29 ކެޓަގަރީއަކުން މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވައިލިއިރު، މި އެވޯޑު ހަފްލާ ބާއްވާނީ ފެސްޓިވަލަކާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު