2 weeks ago
ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު ތަނަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ޑިސެމްބަރ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށެވެ. އަދި ބައެއް ކަންތައްތައް ނިންމުމަށް ވަގުތު ނަގާނެ ކަމަށެވެ.
މީގެއިތުރުން ޒަކިއްޔާ މަރާލި ކަމަށް ތުހުމަތު ކުރިޔަސް، އެ މަރާ ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން ސުވާލު އުފެދޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށާއި އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. އޭނާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގައާއި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލާގައި ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން ތޫނު އެއްޗަކުން އޭނާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށެވެ. އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައި ހުރި ކަމަށެވެ.