2 weeks ago
އެންޓި މައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް) ގެ މައްސަލަ ހައްލުކުރުމަކީ ހަމައެކަނި އާންމު ސިއްޙަތަށްޓަކައި ކުރާ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ އެންޓި މައިކްރޯބިއަލް ރެސިސްޓަންސާ ގުޅޭ ގައުމީ އެކްޝަން ޕްލޭން (އޭ.އެމް.އާރް) 2024-2029 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ވިދާޅުވީ އެއީ އިގްތިސާދީގޮތުން ވެސް ކުރުން ލާޒިމުކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި ހިއްސާވާ ހުރިހާ ފަރާތްތަކުން ގުޅުންތައް ގާއިމުކޮށް، އިލްމާއި ވަސީލަތްތައް ހިއްސާކޮށް، އީޖާދީ މަސައްކަތްތަކަށް ހިތްވަރުދީގެން މެނުވީ، "ވަން ހެލްތު އެޕްރޯޗް" ކާމިޔާބު ކަމާއެކު ތަންފީޒު ނުކުރެވޭނޭކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ އިންސާނުންނާއި އެނޫން ދިރޭތަކެއްޗާއި، ދިރިއުޅޭ ވެށީގެ ދުޅަހެޔޮކަން ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އިފްތިތާހުކުރި ގައުމީ އެކްޝަން ޕްލޭންގައި "ވަން ހެލްތު އެޕްރޯޗް" ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން މި ޕްލޭންގެ ދަށުން އޭ.އެމް.އާރް ގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސިއްހީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާއަށް، ގުޅިގެން މަސައްކަތްކުރެވޭނޭކަން ޔަގީންކޮށްދީފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއި ސަލާމަތަށްވެސް އޭ.އެމް.އާރްގެ އަސަރުކުރާނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި އެކުއަކަލްޗަރގައި ނަހަމަގޮތުގައި އެންޓިމައިކްރޯބިއަލްސް ބޭނުންކުރާނަމަ، ކާބޯތަކެތީގެ ތެރެއަށް ރެސިސްޓަންޓް ބެކްޓީރިޔާ ވަދެ، އާންމު ސިއްހަތާއި ދުޅަހެޔޮކަމަށް ނުރައްކާވުން އެކަށީގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.