ހައްޖުވެރިންނާއި ގުޅުންހުރި ކަންކަން ރައީސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ: މިނިސްޓަރ

4 months ago

އަފްރާހް

ހައްޖުވެރިންނާއި ގުޅުންހުރި ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެއިން މިއަހަރުފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ހައްޖުވެރިންނާއި ބައްލުކުރެއްވުމަށް އެއަރޕޯޓަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.


ޑރ. ޝަހީމް ވިދާޅުވީ ރައީސްގެ ބެއްލެވުމުގެ ދަށުން ހައްޖާޖީން ފުރުމުގެ ކަންކަން ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ އެކި މުވައްސަސާތަކުން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައިވާ ކަމަށެވެ.


ހައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ތައުރީފު ހައްގު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ފުރުމުގެ އިންތިޒާމްތަކާއި މައްކާއާއި މަދީނާގައި ވެސް ވަރަށް ރަނގަޅަށް ކަންކަން އިންތިޒާމްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.


މިނިސްޓަރ ވަނީ ހައްޖުވެރިންގެ ކަންކަން އަމާންކަމާއި އޮމާންކަމާއި އެކީ ގެންދެވުމަށް އިސްލާމިކް މިނިސްޓްރީއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު