6 months ago
ރާއްޖޭގައި އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުގައި މަރުވާ ކަމަށް ޑަބްލިޔުއެޗްއޯ އިން އަންދާޒާ ކުރާ ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ އަހަރެއްގެ މައްޗަށް 400 މިލިއަން ސިނގިރޭޓު ރާއްޖެއަށް އެތެރެކުރާ ކަމަށެވެ. އަދި އެކަމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާއިރު، ޝީޝާގައި ބޭނުން ކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތައް ލައްކަ ރުފިޔާއެއް އަހަރެއްގެ މައްޗަށް ހޭދަ ކުރާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އެޗްޕީއޭ އިން ވަނީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދައިން ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ބަލިތައް ތަހައްމަލު ކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގްތިސޯދަށް ވެސް ކުރުން ކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު ކުޑަކުދިންނާއި ޒުވާނުންގެ ސަމާކުކަން ދަމައިގަނެވޭ ގޮތަށް މީސްމީޑިއާ އާއި ސްޓްރީމިންގ މަންސަތަކުގައި އިލެކްޓްރޯނިލް ސިނގިރޭޓާއި ނިކޮޓީން ޕައުޗް ފަދަ އުފެއްދުންތައް އިޝްތިހާރު ކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ މެދުގައި މިތަކެތި އާންމުވެ، މަގްބޫލުވެފައިވާކަން ވެސް ވަނީ ފާހަގފަކުރައްވާފައެވެ.
އެގޮތުން އުމުރުން 15 އާއި 16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިންނަކީ ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކުރާ ކުދިން ކަމަށް 2022 ވަނަ އަހަރުގެ ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާކަަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނީ "ކުޑަކުދިން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކޮށް ދަފަރާ ކުރުން" އެވެ.