ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އިމާރާތްކުރަމުންދާ އައު ޓަރމިނަލް ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.
ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސްމިލިއަން ގަސްއިންދުމުގެ ޕްރޮޖެކްޓްގެ ދަށުން ބޭއްވި ގަސްއިންދުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ މި ޓަރމިނަލަށް މިނިސްޓަރ ކުރެއްވި މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ދިނުމަށް ތަރައްގީކުރަމުންދާ މި ޓަރމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވައިލެއްވުމެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ އަދި އިގްތިސާދަށް ދިރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ.
މިނިސްޓަރ ވަނީ ޓަރމިނަލްގެ އެތެރޭގެ އިންތިޒާމްތަކާއި، ފަސޭހަކޮށްދެވޭނެ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ބައްލަވައިލައްވާފައެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ގަހެއް އިންދަވައިދެއްވާފައެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުވެ، އެއަރޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު އިންތިހާއަށް މަތިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ތަރައްގީގެ މުހިންމު މަރުހަލާއެއް ކަމަށް ބެލެވެއެވެ.