ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

5 months ago

އޮއިވަރު

ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންނަވަރަށް ތަރައްގީ ކުރުމަށް އާރުޑީސީން ކުރިއަށް ގެންދާ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.


އާރްޑީސީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުން އަންނަނީ 31 މަގު ކަމަށެވެ. އަދި އެއީ ޖުމްލަ 7.25 ކިލޯ މީޓަރު ކަމަށެވެ.


މިހާތަނަށް އައިއިރު ހަތަރު މަގެއް ފިޔަވައި އެހެންމަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަނެއް ހަތަރު މަގުގައިވެސް 90 އިންސައްތަ ބޮޑުކޮށް ނިންމާލެވިފައިވާ ކަމަށް ވިދާޅުވެއެވެ. އަދި 18 މަގެއްގައި ކޭބަލް ޖަންކްޝަން ހޮޅީ އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ބާކީ މަގުތަކުގައި އެމަސައްކަތުގެ 80 އިންސައްްތައިން މަތިން ވަނީ ނިމި، އަދި އެންމެ މަގެއް ފިޔަވައި ހުރިހާ މަގެއްގެ ސްޓޯރމް ވޯޓަރ ޓޭންކް ބެއްޓިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ. އަދި ހުރިހާ މަގެއްގައި ސްޓޯރމް ވޯޓަރ ހޮޅި އަޅާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


އާރްޑީސީން ހާމަކުރައްވާފައިވާ ގޮތުގައި 17 މަގެގައި ކާރބް ސްޓޯން ޖެހިފައިވާއިރު، ބާކީ މަގުތަކުގެ އެވްރެޖްކޮށް 50 އިންސައްތައިން މަތިން މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށާއި ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލައިގެ މަސައްކަތް 21 މަގެއްގައި ނިމިއްޖރ ކަމަށް ވަނީ ވިދާޅުވެފައެވެ.


މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން 6 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާިއިރު، 6 މަގެއްގެ ތާރު އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ އަށްވުރެ ބޮޑުބައި ނިމިފައިވާ ކަމަށް ހާމަކުރައްވައެވެ.


ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކާއި އެހެނިހެން ބޮޑެތި މަސައްކަތްތަކުގައި ބޮޑުބައި ނިންމާލެވިފައިވާއިރު، ދުވާރާއި ޕޭވިންގ މަސައްކަތަށް ވެސް އަންނަނީ ކުރަމުންކަމަށް އާރްޑީސީން ވިދާޅުވެއެވެ.


އެ ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 10 ޖޫން 2021 ގައެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 100,700,048.55 ދިވެހި ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު