36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ މިއީ މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދިން މީހުންކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާކަން ހާމަކުރެއްވިއެވެ.
މީގެއިތުރުން 62 މަސްވެރިއެއްގެ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާކަން ފާހަގަކުރައްވައި، ވިދާޅުވީ މަސްވެރިން ލޯނު ނަގަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމަށާއި މަސްވެރިކަމުގައި ބޭނުން ކުރާ ސާމާނު ގަނެ، މަސްވެރިކަމާ ގުޅުން ހުރި މަސައްކަތްތަކަށް ކަމަށެވެ.
މަސްވެރިންނަށް ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު މަސްވެރިކަމަށް ނިކުންނަ މީހުން ގިނަވަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީއެމްއެލް އިން ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.