ޚަބަރު ރާއްޖެ

ރައްޔިތުންގެ ހިޔާލު ހޯދާ ބިލު ދިރާސާ ކޮމެޓީއަށް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅިއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިހާތަނަށް އިއުލާންކުރައްވާފައިވާ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުއެވެ.

 

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލަށް މަޖިލީހުގައި ބަހުސްކޮށްފައިވާއިރު، މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ވަނީ ނިންމާފައެވެ. އަދި ބިލު ބަލައިގަތުމަށް ފެންނަކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުން ވެސް ވޯޓު ދެއްވިއެވެ.

 

އެގޮފައިވާއިރު، މި ބިލު ބަލައިގަތީ 62 މެންބަރުންގެ ތާއީދާ އެކުގައެވެ.

 

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނެ އުސޫލުތަކާއި އެނޫން ވެސް ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.

 

މި ބިލު ދިރާސާ ކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.

 


  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް