ގުދުސް، ވެސްޓް ބޭންކް އަދި ޣާޒާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިފަދައިން ގޮވާލީ "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަށް ރާއްޖެއިން ކަނޑައަޅުއްވައިފައިހުންނަވާ ދާއިމީ މަންދޫބު އަޙްމަދު ސަރީރުއެވެ.
ސައުދީ އަރަބިއްޔާއަށް ވެސް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ރާއްޖެ ތަމްސީލްކޮށް ދެއްވި ތަގުރީރުގައި އިރުމަތީ ގުދުސްއާއި ވެސްޓް ބޭންކް އަދި ޣާޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރުމާއި އެމީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައި އިސްރާއިލުގެ އިސްތިޢުމާރީ ސިޔާސަތުތައް ސިފަކުރައްވާފައެވެ.
މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ސެންގާލްގެ ވެރިރަށް ޑާކާރގައި ބޭއްވި މި ކޮންފަރެންސްގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ވެސް ސަފީރު ގޮވާލެއްވިއެވެ.
އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އައި.އާރް.ޕީ.ޕީ.) އަދި އޯ.އައި.ސީ. އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގެ ޝިޢާރަކީ "ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް" އެވެ.
ސީ.އައި.އާރް.ޕީ.ޕީ. އުފައްދާފައިވަނީ 1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ 3376 ނަމްބަރު ގަރާރުންނެވެ. މި ކޮމިޓީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި، މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހޯދައިދިނުމެވެ. އަދި ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގާއި، ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމަށްޓަކައި ތަންފީޛުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ.
މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އ.ދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ. އަދި މި ކޮމިޓީން ކޮންމެ އަހަރަކު އ.ދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅައެވެ. ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި ޢަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމްއިއްޔާގެ މެމްބަރު ގައުމެކެވެ.