1 week ago
ނޮވެންބަރު 2024 ގައި މީރާއަށް 1.89 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.2 އިތުރު އަދަދެކެވެ. އަދި، ނޮވެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %19.7 ގިނަ އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2023 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު، ނޮވެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވާތީއެވެ. އަދި، ނޮވެންބަރު 2024 ގައި އެއަރޕޯޓް ޓެކުހާއި ފީ އާއި ޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.
މީގެއިތުރުން، އޮކްޓޫބަރު 2023 އާ އަޅައިބަލާއިރު އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %8.5 އަށް އިތުރުވެފައިވާތީ، އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އިތުރު ކޮށްފައިވާތީއެވމި މަހުގެ ތެރޭގައި އެއްފަހަރާ ނަގާ މި ފީތައް ބަލައިގަނެފައިވުމާއެކު ޖުމްލަ އާމްދަނީ އަންދާޒާޖުރި އާމްދަނީއާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެއް ލިބިފައިވެއެވެ.
ނޮވެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އިންނެވެ. އެއީ 171.62 މިލިއަން ރުފިޔާއެވެ. މީގެއިތުރުން އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިއަން ރުފިޔާ، އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ، އަދި ގްރީން ޓެކުހުގެ ގޮތުގައި 85.73 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނޮވެންބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 88.17 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.