ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ބަދަލުތަކެއް

4 months ago

އަފްރާހް

ހާފިޒުން ތަމްރީނު ކުރުމުގެ އުސޫލަށް ބަދަލުތަކެއް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ގެނެސްފިއެވެ.


އައިޔޫއެމް އިން ގެޒެޓުކޮށްފައިވާ ހާފިޒުން އިމްތިހާނުކުރުމުގެ އައު ގަވާއިދުގައި ބުނެފައިވަނީ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއްގައި އުޅޭ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާނުކޮށްދިނުމަށް އެދި، އެ މަރުކަޒަށް ނުވަތަ އެ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިހާނު ކޮށްދޭނެ ކަމަށެވެ.


އެ މަރުކަޒުގައި ރަޖިސްޓްރީނުކޮށް ހިންގާ ކްލާސްތަކުގެ ދަރިވަރުންނާއި އަމިއްލަގޮތުން ގުރުއާން ހިތުދަސްކޮށްގެން ވެސް ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވެވޭނެކަމަށް ވަނީ ބުނެފައެވެ.


އެހެންނަމަވެސް، އެ ދަރިވަރުގެ ކިބައިގައި ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމުގެ ފެންވަރު ހުރިކަން އެ މަރުކަޒުން ކަނޑައަޅާ ފަރާތަކަށް ކިޔައިދޭން ޖެހޭނެ ކަމަށާއި އެ މަރުކަޒުގައި ދަފްތަރުކޮށްފައިވާ ހާފިޒެއްގެ ފަރާތުން ދަރިވަރުގެ ކިބައިގައި ހާފިޒުކަމުގެ ފެންވަރު ހުރިކަން އަންގައިދޭ ލިޔުމެއް ވެސް ބޭނުންވާނެކަމަށް ބުނެފައި ވެއެވެ.


އެގޮތުން ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމާއެކު، ގުރުއާނާ ބެހޭ މަރުކަޒުން ނުވަތަ އެ މަރުކަޒުގެ ކޮމިޓީން އެ ދަރިވަރުގެ އިމްތިހާނު އޮންނަ ދުވަސް ކަނޑައަޅާނެއެވެ.


އައު އުސޫލުގެ ދަށުން ހާފިޒުކަމުގެ އިމްތިހާނުން ދަރިވަރު ފާސްވެފައިވާނަމަ 30 ދުވަހުގެ ތެރޭގައި އެ ދަރިވަރެއްގެ ނަން ހާފިޒުންގެ ދަފްތަރުގައި ހިމަނަންޖެހެއެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް އެކަން އަންގަން ޖެހެއެވެ.


ރަށްރަށުގައި ތިބެ، ޤުރުއާން ހިތުދަސް ކުރުމަށް ފަހު، މުރާޖައާކުރުމަށާއި އިމްތިހާން ހެދުމަށް މީގެކުރިން މާލެ އަންނަން ޖެހުނުކަމުގައިވިޔަސް އައު އުސޫލުގެ ދަށުން ރަށްރަށުގައި ތިބެ ޤުރުއާން ހިތުދަސްކޮށް، މުރާޖައާ ވެސް ކުރެވޭނެއެވެ. މާލެ އަންނަންޖެހޭނީ އިމްތިހާން ހެދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު