ފައިބެއަހަރަށް ވުރެ މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށަށް

1 week ago

އަފްރާހް

ފައިބެއަހަރުގެ މިހައިތަނަށް ވުރެ މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަހަރުގެ ޑިސެމްބަރު 1 އިން 11 އަށް ރާއްޖެއަށް އައިސްފައިވަނީ 62،249 ފަތުރުވެރިންނެވެ. ނަމަވެސް ފައިބެއަހަރުގެ މި މުއްދަތުގައި 63،523 ފަތުރުވެރިން ވަނީ އައިސްފައެވެ.


އެހެންކަމުން މިއީ 2 އިންސައްތައިގެ ދަށްވުމަކަށްވާއިރު، ޓެކްސްތައް ބޮޑުކުރުމުގެ ކުރިން، މެއި މަސް ފިޔަވައި މިއަހަރުގެ އެހެން ހުރިހައި މަހެއްގައި ވެސް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.


އެގޮތުން 2023 ވަނަ އަހަރު ޖުމްލަ 1.87 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ 11 ޑިސެމްބަރުގެ ނިޔަލަށް 1.89 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 8.7 ޕަސެންޓްގެ ކުރިއެރުމެކެވެ.


ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ފަތުރުވެރިންގެ އަދަދު ދަށްވަމުންދާއިރު، ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކެއް މިމަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން ޑިސެމްބަރު 1 އިން ފެށިގެން އެއަރޕޯޓް ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ވަނީ ބޮޑުކޮށްފައެވެ.


އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު، ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު، އަދި ފަސްޓް ކްލާހުން ދަތުރުކުރާ ހުރިހައި ފަސިންޖަރުންގެ އަތުން 240 ޑޮލަރު މިހާރު ނަގާނެއެެވެ. އަދި ޕްރައިވެޓް ޖެޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން 480 ޑޮލަރު ނަގާނެއެވެ.


މީގެއިތުރުން ކުރިއަށް އޮތް މަސްތަކުގައި އިތުރު ޓެކްސްތަކެއް ވެސް ބޮޑުކުރުމަށް ނިންމާފައިވާއިރު، ޖެނުއަރީ މަހުން ފެށިގެން ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުވާނެއެވެ. އަދި ރިސޯޓުތަކާއި ސިޓީ ހޮޓާތަކުގެ ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރެވޭނެއެވެ.


ހަމަމިއާއެކު ޖުލައި މަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ވެސް އިތުރުކުރެވޭނެއެވެ.


ސަރުކާރުން ވިދާޅުވެފައިވަނީ މި ހުރިހައި ޓެކްސްތަކެއް ބޮޑުކުރުމުން ދައުލަތަށް ލިބޭ އާމްދަނީ 3 ބިލިއަން ރުފިޔާއިން އިތުރުވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ޓޮކުސިން

ފަޅުކަންބޮޑު ގޮތެއްގައި ސަރުކާރުން ޓުއަރިޒަމް ހަލާކު ކުރަން މަސައްކަތް ކުރަނީ..

1 week ago