އެންވަޔަރްމެންޓް މިނިސްޓްރީން އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި ފެސިލިޓީގެ މައިގަނޑު މަގުސަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށްޓަކައި، ކުނިމެނޭޖުކުރުމާއި ގުޅޭ ގަވާއިދުތަކާއި އެއްގޮތް އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ހައްލު ފޯރުކޮށްދިނުމެވެ.
މި ފެސިލިޓީގެ ސަބަބުން ހާސިލުވާނެ ނަތީޖާތަކުގެ ތެރޭގައި ނުރައްކާތެރި ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމާއި އާންމު ސިއްހަތު ރައްކާތެރިކުރުމާއި ގައުމީ ކުނި މެނޭޖްކުރުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް ޢަމަލުކުރުން ހިމެނެއެވެ.
މީގެއިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބޭސަލް އަދި ސްޓޮކްހޯމް މުއާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމުކުރުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
މި މަރުކަޒަކީ އެންވަޔަރްމެންޓް މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޖެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން ގާއިމުކުރެވިފައިވާ ވަސީލަތެކެވެ.
މި މަރުކަޒު ގާއިމުކުރެވިފައިވަނީ އައްޑޫ ސިޓީ ހިމެނޭ ދެކުނު ޒޯނުގެ ރަށްތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާތެރިކަމާއެކު ގުދަންކުރުމަށް ހާއްސަކޮށެވެ. މީގެތެރޭގައި ސނާއީ ހަރަކާތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެށްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި ހިމެނެއެވެ.
ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނީގެ މިންވަރު މަދުކަމުން، ރާއްޖޭގައި ނުރައްކާތެރި ކުނި ނައްތާލުމުގެ މަރުކަޒެއް ގާއިމުކުރުމަކީ ޓެކްނިކަލީ އަދި އިގުތިސާދީގޮތުން ވެސް ދެކޮޅުޖެހޭނެ ކަމެއް ނޫނެވެ. އެހެންކަމުން، މި މަރުކަޒު ފަރުމާކުރެވިފައިވަނީ ވަގުތީކޮށް ކުނި ރައްކާކުރާ މަރުކަޒެއްގެ ގޮތުގޮތުގައެވެ.
މިގޮތުން ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު އެއްކޮށް، ވަކިކޮށް، ވަގުތީގޮތުން އައް ޑޫގައި ޤާއިމުކުރެވުނު މި މަރުކަޒުގައި ރައްކާކުރެވޭނެއެވެ. މިގޮތަށް ރައްކާކުރެވޭ ކުނި ބޭސަލް ކޮންވެންޝަން ފަދަ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ރިސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ރާއްޖެއިން ބޭރަށް ގެންދެވޭނެއެވެ.
މި މަރުކަޒު ހިންގުމަށާއި މިފަދަ ކުނި ރައްކާތެރިކަމާއެކު ގެންގުޅުމަށްޓަކައި، މަރުކަޒު ހިންގުމުގެ އުސޫލުތައް ހިމެނޭ ސްޓޭންޑަރޑޑް އޮޕަރޭޝަންސް ޕްރޮސީޖަރ (އެސްއޯޕީ) އެއް ވެސް އެކުލަވާލެވިފައިވެއެވެ. މި އުސޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި، ޕެކޭޖްކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން، އައްޑޫ އިންޓަރިމް ހަޒާޑަސް ވޭސްޓް އެންޑް ކެމިކަލްސް ސްޓޯރޭޖް ފެސިލިޓީ ހިންގުމުގައި ހަރަކާތްތެރިވާނެ ވެމްކޯގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގޭނެއެވެ. މިއީ މި މަރުކަޒު ރައްކާތެރިކަމާއެކު ހިންގުމަށާއި ބެލެހެއްޓުމަށް އެހީތެރިވުމަށްޓަކައެވެ. އަދި މިނިސްޓްރީން ވަނީ މި މަރުކަޒު ހިންގުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ފޯރުކޮށްދީފައެވެ.