19 ވަނަ މަޖިލީހުން، ރައްޔިތުންނަށް ފައިދާހުރި ގިނަ ގާނޫނުތަކެއްގެ މަސައްކަތް ވަނީ ކޮށްފަ

5 months ago

އަފްރާހް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީނު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރުއަދާ ކުރައްވައިފިއެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ އެ މެމްބަރުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މަޖިލީހުގައި ކޮށްދެއްވި އިޚްލާސްތެރި މަސައްކަތްޕުޅަށް ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މަޤާމެއް އަދާކުރި މީހެއްގެ ޙައިސިއްޔަތުން، ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށެވެ.


ޚިޔާލު ތަފާތުވުންތަކާއެކުވެސް މަޖިލީހުގައި ކުރެވެނީ ސިޔާސީ މަސައްކަތްތަކެއް ކަމަށާއި ސިޔާސީ ބަޙުޘްތަކެއްކަން ފާހަގަކުރައްވައި ވިދާޅުވީ 19 ވަނަ މަޖިލީހުން، ރައްޔިތުންނަށް ފައިދާހުރި ގިނަ ގާނޫނުތަކެއްގެ މަސައްކަތްތަކެއް ކުރައްވާފައިވާ ކަަމަށެވެ.


މީގެއިތުރުން މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މަގާމުތަކާއި މުއައްސަސާތަކާއެކު މަންފާކުރަނިވި މަޝްވަރާތަކެއް ކުރެވި ފައިދާހުރި ފަންނީ މަަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި ރައްޔިތުންނަށް މާބޮޑު މަންފާއެއް ނުވިނަމަވެސް، ގިނައަދަދެއްގެ ގަރާރުތަކަށް މަޖިލީހުގެ ގިނަވަގުތުތަކެއް ހުސްކުރައްވާފައިވާކަން ހަބީބު ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ކޮވިޑް 19 ގެ ޢާލަމީ ވަބާގައި، މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދަވާފައިވާކަމީ ފާހަގަކޮށްލަންޖެހޭ މުހިންމުކަމެއް ކަމަށާއި މި މަސައްކަތް ކުރެއްވުމުގައި، އޭރުގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ހިކުމަތްތެރި މަސައްކަތްޕުޅު ޝުކުރުވެރިކަމާއެކު، ފާހަގަ ކޮށްލަންޖެހޭކަމަަށް ހަބީބު ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ އެކި ކޮމިޓީތަކުން ކޮމިޓީތަކުގެ މުގައްރިރުން، ނާއިބު މުޤައްރިރުން، މެންބަރުން ކުރެއްވި މުހިންމު ފަންނީ މަސައްކަތްތައް ވެސް ފާހަގަ ކޮށްލެވޭ. ކަމަށާއި 19 ވަނަ މަޖިލީހުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ފަންނީގޮތުން މަސައްކަތް ކުރެއްވި މެންބަރުންގެ ތެރެއިން، ބައެއް މެންބަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިނުގަތީ ކީއްވެގެންތޯ އެ ޢިއްޒަތްތެރި މެންބަރުން ވިސްނަވާނެ ކަމާމެދު ޝައްކެއްނެތް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.


19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިއަދު ނިމިގެންދާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، ނާއިބު ރައީސް އަޙްމަދު ސަލީމާއި، މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުންނަށް އުފާ ފާގަތިކަމާއި، ދުޅަހެޔޮ ސިއްޙަތާއި އުޖާލާ ކުރިމަގެެއް އެދިވަޑައިގަންނަވާ ކަަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު