1 week ago
ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ އަށް ވަޑައިގެންފިއެވެ.
މިއީ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން' ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
އެމަނިކުފާނު ކުންމިންގ ޗަންގްޝުއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގް އަދި ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވޯންގް ވެއި އެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މި ޑިސެމްބަރު މަހުގެ 15 އިން 17 އަށް ކުރިއަށް ގެންދާ މި ފޯރަމް ކޯހޯސްޓު ކުރަނީ ރާއްޖެއިންނެވެ. މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗަރ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީ ހިމެނޭ ގޮތަށް ނޫ އިގްތިސާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.
ފޯރަމް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތާއި ވަކި މައުޟޫއު ހާއްސަ މަޝްވަރާތަކެއް ކުރެއްވުމާއި، ސަބްފޯރަމްތަކާއި އެކި މައުޟޫއުތަކަށް ވަށް-މޭޒު ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.
މި ފޯރަމްގައި ނައިބު، ބައިވެރިވަޑައިގަންނަވަނީ ޗައިނާ ސަރުކާރުގެ ދައުވަތަކަށެވެ. އަދި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި ބޭއްވި "ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް" ގެ 2 ވަނަ ބައްދަލުވުމުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.