1 week ago
ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ތަފާތު އެތައް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ އެކަމަކުން ސަލާމަތްވެވޭނެ ކަމަށް ރައީސް ޑރ. މުޙައްނަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކިފާނު މިފަދައިން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރޭ ދަންވަރު 12 އިން ފަށައިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ތަންފީޒު ކުރަން ފެށުމީ އެފަދަ މިސާލެއް ކަމުގައެވެ. އަދި ރާއްޖޭގައި މީގެ ކުރިން އިލެކްޓްރޯނިކް ސިނގިރޭޓުގެ ނުވަތަ، ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ކަމަށެވެ.
އެހެންނަމަވެސް، އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށާއި ހާލުގެ ދުލުން އެދެމުން ދިޔައީ ގައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް ކަމުގައި ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ މުޖުތަމަޢުތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައި ވާ މުޖުތަމަޢުތަކަކަށް ހަދަންޖެހޭ. އަދި ސިއްހީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ހަގީގަތުގައި އަޅުގަނޑުމެންގެ ގައުމަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ހަގީގީ ތަރައްގީއަކީ ލޮލަށް ފެނި، އަތުން ހިފޭ ތަރައްގީ އެކަނި ނޫންކަން ތަކުރާރު ކުރައްވަމުން ވިދާޅުވީ، މައުނަވީ ތަރައްގީއެއް ލިބެން އޮތީ މި ދެންނެވި އުމްރާނީ ތަރައްގީއާއެކު، ލޮލަށް ނުފެންނަ، ފިކުރީ، އިންސާނީ ތަރައްގީ ވެސް ހާސިލުކުރެވިގެން ކަމުގައެވެ.
މުޖުތަމައުގައި ފެތުރިފައި އޮތް ނުރަނގަޅު އާދަތަކުން ސަލާމަތްވެވެން އޮތީ ޢަޒުމާއެކު މަސައްކަތްކޮށްގެން ކަމަށާއި، ގާނޫނުތަކެއް ހުއްޓެއްކަމަކު ފޫނުބެދޭ އެތައް ކަމެއް އެ މޭރުމުން ހުރިކަމުގައި ވިދާޅުވިއެވެ. ބަޔަކު ކުށްވެރި ކުރުމަކީ އަދުގެ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށާއި ބޭނުންފުޅުވަނީ މަސްތުގެ ބަވާއާއި އެ ނޫން ވެސް ގޮތްގޮތުން ކުށުގެވެށީގައި ބަނދެވިފައިވާ މީހުން އެކަންކަމުން ސަލާމަތްކޮށް، ހަމަމަގަށް އެޅުވިގެންކަމުގައި ރައީސް ވިދާޅުވިއެވެ. ނަމަވެސް ނުބައި ނިޔަތުގައި އެފަދަ ވަބާތައް ފަތުރާ ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.