އައު ޕޫލާއެކު ދިވެހި ފެތުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ: ސައްތާރު

4 months ago

އަފްރާހް

މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަނުން ތައްޔާރުކުރަމުން އަންނަ އައު ސްވިމިންގ ޕޫލާއެކު ދިވެހި ފެތުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމުގެ އިޝާރާތެއް އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ދެއްވައިފިއެވެ.


ސައްތާރު، މި އުފާވެރި ޚަބަރު ދެއްވީ އެ އެސޯސިއޭޝަންގެ އައު ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


އެމަނިކުފާނު ވިދާޅުވީ އެ ޕޫލުގެ މަސައްކަތް ވަރަށްހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު، 50 މީޓަރުގެ ޕޫލަކާއި 25 މީޓަރުގެ 6 ލޭންގެ ޕޫލެއް އޮންނާނެ ކަމަށެވެ.


"މި ޕޫލު ހަދަނީ ޑައިވިންގ ފެސިލިޓީޒްއާއެކު. ޑައިވިންގ ތައާރަފްކުރަން ބޭނުންވާނެ. އެކަމަށް ބޭނުންވާ ކުދިން ހޯދާ، އައު ކުޅިވަރެއްގެ ގޮތުގައި އެކްއަޓިކްސްގެ ތެރޭގައި ހިމެނޭނެ." ސައްތާރު ވިދާޅުވިއެވެ.


ސައްތާރު އިތުރަށް ވިދާޅުވީ ދެން ޖަލްސާއެއް ބާއްވާއިރު، ޕޫލެއް އޮންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަމާޒު ހިފާފައިވަނީ އަހަރެއްގެ ތެރޭގައި އެ މަސައްކަތް ނިންމައިލަން ކަމަށެވެ.


މީގެއިތުރުން ސްވިމިންގ އިންޓަރނޭޝަނަލް ފެޑެރޭޝަން އަށް 'ފީނާ' ކިޔަމުން އައިނަމަވެސް އެނަން 'އެކްއަޓިކްސް' އަށް ބަދަލުކުރާތީ، ރާއްޖޭގެ ސްވިމިންގ އެސޯސިއޭޝަންގެ ނަން ބަދަލުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.


އެގޮތުން ދުނިޔޭގެ އެހެން ގައުމުގެ އެސޯސިއޭޝަންތަކުގެ ނަންތައް ވެސް ބަދަލުކުރަމުން އަންނަކަމަށާއި އޭރުން ރާއްޖޭގައި ކިޔާނީ މޯލްޑިވްސް އެކްއަޓިކްސް ކަމަށް ވެސް ރައީސް ސައްތާރު ވިދާޅުވިއެވެ. އަދި އެކަމަށް ކުރަންޖެހޭ އެންމެހައި ކަންކަން ވެސް ކުރަމުން އަންނަކަަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު