ޚަބަރު ރާއްޖެ

ގްރީންހައުސް ގޭސް ދުމުގެ މިންވަރު އަންދާޒާކުރުމާބެހޭ ތަމްރީނު ވޯކްޝޮޕެއް

ހަކަތައިގެ ސެކްޓަރުން ދޫކުރާ ގްރީންހައުސް ގޭސް (ޖީ.އެޗް.ޖީ) ދުމުގެ މިންވަރު އަންދާޒާކުރުމާބެހޭ ހާއްސަ ތަމްރީނު ވޯކްޝޮޕެއް ބާއްވައިފިއެވެ.

 

މިއީ މޫސުމީ ބަދަލުތަކަށް ކުރިމަތިލުމުގެ ގައުމީ ގާބިލުކަން އިތުރުކުރުމަށްޓަކައި އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން ބޭއްވި އެއްދުވަހުގެ ވޯކްޝޮޕެކެވެ.

 

މި ތަމްރީނު ވޯކްޝޮޕް ހިންގާފައިވަނީ މޫސުމީ ބަދަލުތައް ހިފެހެއްޓުމާއި އެ ބަދަލުތަކަށް ހޭނުވުމުގެ މަސައްކަތްތަކުގެ ދެފުށްފެނުން އިތުރުކުރުމަށް ރާއްޖޭގެ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއު (ސީބިޓް މޯލްޑިވްސް ޕްރޮޖެކްޓް) ގެ ދަށުންނެވެ.

 

މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއަށް ފަންޑުކޮށްފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އިން ކަމަށާއި އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

 

މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ބައިވެރިންގެ ފަންނީ ހުނަރު އިތުރުކޮށް ހަކަތައިގެ ސެކްޓަރުން ހާއްސަކޮށް ހަރަކާތްނެތް ތަންތަނުން ދޫކުރާ ދުމުގެ މިންގަނޑާއި ދަތުރުފަތުރާ ގުޅޭ ދުމުގެ މިންގަނޑު ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތަށް އަންދާޒާކުރުމެވެ. އަދި މައުލޫމާތު އެއްކޮށް ތައްޔާރުކުރުމުގައި އެހީތެރިވުމެވެ.

 

ބައިވެރިންނަށް އައި.ޕީ.ސީ.ސީ 2006 ގައިޑްލައިންސް އާއި އައި.ޕީ.ސީ.ސީ އިންވެންޓަރީ ސޮފްޓްވެއަރ ބޭނުންކޮށްގެން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ތަމްރީނުގެ ތެރެއިން ލިބިފައިވެއެވެ. މިފަދަ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކަކީ ޕެރިސް އެގްރިމަންޓްގެ ތެރެއިން ދެފުށްފެނުން އިތުރުކުރުމުގެ އޮނިގަނޑު (އީ.ޓީ.އެފް) ގެ ދަށުން ރާއްޖެއަށް އޮތް ޒިންމާތަކަށް އެހީތެރިވެ، ދެ އަހަރުން އެއްފަހަރު ހުށަހަޅާ ދެފުށްފެނުން ފެންނަ ރިޕޯޓް (ބީ.ޓީ.އާރު) ތައްޔާރުކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

 

މި ވޯކްޝޮޕް ފަށްޓަވައިދެއްވީ މޫސުމީ ބަދަލުތަކާބެހޭ ހާއްސަ މަންދޫބު، އަލީ ޝަރީފްއެވެ. މި ތަމްރީނު ހިންގަވައިދެއްވީ ޑިވެލޮޕްމަންޓް އެޑްވައިޒަރީ ސަރވިސަސް (ޑީ.އޭ.އެސް) ޕްރައިވެޓް ލިމިޓެޑްގެ މުޙައްމަދު ޒައްމާތު ޚަލީލްއެވެ. އޭނާ މި ތަމްރީނު ހިންގަވައިދެއްވީ ސީބިޓް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ގްރީންހައުސް ގޭސް އިންވެންޓަރީ އެކްސްޕާޓެއްގެ ގޮތުގައެވެ.

 

މި ތަމްރީނުގެ ބައިވެރިންގެ ތެރޭގައި އެންވަޔަރްމެންޓް މިނިސްޓްރީ އާއި އެނަރޖީ ޑިޕާޓްމަންޓްތަކާއި، ޓްރާންސްޕޯޓު މިނިސްޓްރީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި، ކަސްޓަމްސް، އެމްއެންޑީއެފް، އެމްއޭސީއެލް، ސްޓެލްކޯ، އެސް.ޓީ.އޯ އާއި އެމްޑްބަލިއުއެސްސީ ހިމެނެއެވެ.

 


  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް