އިންސާފުވެރި މޫސުމީ ސިޔާސަތެއް މުހިންމު: ނައިބު ރައީސް

6 days ago

އަފްރާހް

ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ހުރިހާ ގައުމުތަކުގެ ވެއްޓަށް ފެތޭ، ބަދަލުވެވޭނެ އިންސާފުވެރި މޫސުމީ ސިޔާސަތެއް، މުހިންމުކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ތިންވަނަ ބައްދަލުވުން އިފްތިތާހްކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.


ނައިބު ވަނީ، "ކަނޑުގެ ދަރީން" ގެ ގޮތުގައި ދިވެހިންގެ ޝަހްސު ބިނާކުރުމުގައްޔާއި، ދިވެހިންގެ އިގްތިސާދު ބައްޓަންކުރުމުގައި ކަނޑުގެ ދިރުންތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމަކީ ރާއްޖޭގެ އާމްދަނީގައި އަސާސީ ހިއްސާދާރުންކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ގަވާއިދާ ހިލާފަށް ކުރާ އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައި.ޔޫ.ޔޫ) މަސްވެރިކަމުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކް ނުރައްކަލަށް ހުށަހެޅި، ދިވެހި މަސްވެރިންގެ އާމްދަނީ ހިރާސްވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށް ވެސް އަސަރުކުރާކަމަށް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭކަން ފާހަގަކުރައްވަމުން، މިއީ ދެމެހެއްޓެނިވި މަސްވެރިކަމަށްޓަކައި ގާނޫނުގައި މަޖުބޫރުކުރާ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.


ނައިބު ވަނީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ނާއިންސާފު މިންވަރަކަށް ތަހައްމަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް އަހުލުވެރިވެ، ހޭނުމަށާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދަނީ، މަދު ވަސީލަތްތަކެއް ބޭނުންކޮށްގެންކަން ހާމަކުރައްވާފައެވެ.


އެމަނިކުފާނު ވަނީ ބްލޫ އިކޮނޮމީގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ.


ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބަރޯސާވެވޭ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އަދާކުރާ ދައުރަށްޓަކައި ނައިބު ރައީސް ޝުކުރު އަދާކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު