5 days ago
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި މި ދާއިރާގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށް އެފުރުސަތު އޮތީ ހުޅުވާލެވިފައިކަމަށް ފިޝަރީޒް އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއަރމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
މިނިސްޓަރު ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމުނު ގުޅުން ގާއިމްކުރިފަހުން 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި، އަދި މި ގުޅުމަކީ އިސްތިގްލާލީ ހަމަހަމަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމުގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިއަހަރުގެ ޖެނުއަރީމަހު ކުރެއްވި ކާމިޔާބު ދަތުރުފުޅާއި އެކު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީއަށް ފާއިތުވީ އަހަރުތަކުގައި ޗައިނާއިން ދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވައި، މިފަދަ އެންމެ ބޮޑު އެއް އެހީއަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބުރިޖު މަޝްރޫއުކަން ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރުގެ ތަަސައްވަރަކީ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުންކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް އެކްސްޕޯޓް ކުރާއިރު، އެ މަސްތައް ރާއްޖެއިން ބޭރުގައި ޕްރޮސެސްކޮށް ދުނިޔޭގ މާކެޓްތަކަށް އެކްސްޕޯޓް ކުރާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަން ފާހަކުރައްވާ ވަޒީރު ވިދާޅުވީ މި ދާއިރާ ކުރިއެރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ޖެނުއަރީމަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެމްއޯޔޫތަކުގައި ބަޔާންކޮށްފައިވާ އެއްބާރުލުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ އާ އިންވެސްޓްމަންޓްތައް ގެނައުމުގައި ޗައިނާގެ ބައިވެރިންނާއެކު ޕާޓްނަރޝިޕް އުފެދި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ގުޅިގެން ކުރަމުންދާ ކަމަށާއި މި މަޝްރޫއު ނިމިގެންދާއިރު، ރާއްޖޭގައި ދަޅު މަސް ބަންދުކުރެވޭ ގާބިލްކަން ތިންގުނައަށް އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ރާއްޖެއަށް މި ދާއިރާއިން އާމްދަނީ ލިބޭނެ އިތުރު މަގުތައް ވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންކަން ފާހަގަކުރައްވައި، ޝިޔާމު ވިދާޅުވީ އެކުއަކަލްޗަރ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރެވެމުންްދާކަމަށެވެ.
މި ދާއިރާގައި ގިނަ ފުރުސަތުތަކެއް ރާއްޖެއަށް އެބައޮތްކަމަށާއި އެކުއަކަލްޗަރ އަކީ ރާއްޖެއަށް އައު ސިނާއަތެއް ކަމުގައިވާއިރު، ވިޔަފާރި އުސޫލުން އެކުއަކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަހައްދެއްް ވަނީ ކަނޑައެޅިފައިއެވެ.
ރާއްޖޭގައި މި ދާއިރާ ފުޅާކުރުމަށް ޗައިނާގެ އިންވެސްޓަރުން މުހިއްމުކަމަށާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މި ދާއިރާއިން ޓެކްނޮލޮޖީ ޓްރާންސްފާއާއި، ކެޕޭސިޓީ ބިލްޑިންގއާއި، ޓްރެއިނިންގގައިވެސް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.