އެމްއެސްޕީއޭ ފިލްމު ފެސްޓިވަލުގެ ޓިކެޓުގެ އަގުތައް ހާމަކޮށްފި

5 days ago

އަފްރާހް

މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިން އާޓްސް (އެމްއެސްޕީއޭ) ފިލްމު ފެސްޓިވަލުގެ ޓިކެޓުގެ އަގުތައް ހާމަކޮށްފިއެވެ.


އެމްއެސްޕީއޭ އިން ވިދާޅުވީ މި ފެސްޓިވަލުގެ ސީޒަން ޓިކެޓެއްގެ އަގަކީ 500 ރުފިޔާ ކަމަށާއި ކޮންމެ ޝޯވއަކަށް ވަކިން ޓިކެޓު ނަގާނަމަ، ޓިކެޓެއްގެ އަގަކީ 50 ރުފިޔާ ކަމަށެވެ. އަދި ޓިކެޓު ގަތުމަށް ބޭނުންވާ ފަރާތްތަކުން 7645088 އަށް ގުޅުމަށް ވަނީ އެދިފައެވެ.


މި ހިނގާ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ މި އެވޯޑްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމުން 19 ފިލްމެއް ވަނީ ބައިވެރިކޮށްފައެވެ.


ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އާއި ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލު ޑިސެމްބަރ 22 ން 28 ގެ ނިޔަަލަށް އޮލިމްޕަސް ސިނަމާގައި ބާއްވާއިރު، ފެސްޓިވަލް ފަށާނީ 22 ވަނަ ދުވަހުގެ ރޭ 8:15 ގައި 40 ޕްލަސް އިންނެވެ. އަދި އެރޭ އެރޭ 11:30 ގައި ދައްކާނީ ކަޅަކި އެވެ.


ޑިސެމްބަރ 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް ކޮންމެދުވަހަކު ތިން ފިލްމު ދެއްކުމަށް ނިންމާފައިވާއިރު، 28 ވަނަ ދުވަހު ދައްކާނީ ދެ ފިލްމެވެ.


މިއީ ރާއްޖޭގައި އުފައްދާ ދިވެހި ފިލްމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އެވޯޑެކެވެ. އަދި އެ ފަރާތްތައް ކުރިއެރުވުމާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ވާދަވެރި މާހައުލެއްގައި މޮޅު އުފެއްދުންތަކެއް އުފެއްދުމަށް ހިތްވަރު ދިނުމަކީ ވެސް މަގްސަދެއް ކަމުގައި އެމްއެސްޕީއޭ އިން ހާމަކުރެއެވެ.


މި އެވޯޑުގައި 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ފައިބެއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފީޗަރ ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.


ޖުމްލަ 29 ކެޓަގަރީއަކުން މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވައިލިއިރު، މި އެވޯޑު ހަފްލާ ބާއްވާނީ ފެސްޓިވަލަކާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު